ފުރަބަންދާއި ގުޅިގެން ދެކުނު އެފްރިކާއިން އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލިއްޖެ

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ދެކުނު އެފްރިކާއިން އިއުލާންކުރި ފުރަބަންދާއި ގުޅިގެން އެގައުމުން 2.2 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ދެކުނު އެފްރިކާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، ފުރަބަންދާއި ގުޅިގެން މިއަހަރުގެ ދެވަނަ ކުއާޓާގައި އެގައުމުން 2.2 މިލިއަން ވަޒީފާ ގެއްލިފައިވާ ކަމަށާއި އަދި މިއީ ވަޒީފާގެ ސާވޭ 2008 ވަނަ އަހަރު ކުރަން ފެށިފަހުން މިހާ ގިނަ އަދަދަކަށް ވަޒީފާ ގެއްލުނު ފުރަތަމަ ފަހަރު ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ދެކުނު އެފްރިކާއިން އެޅި ފިޔަވަޅުތައް ފާހަގަ ކޮށްލެވެނީ މިބަލި ކޮންޓުރޯލް ކުރުމަށް ދުނިޔޭގެ ގައުމަކުން އެޅި އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ގޮތުގައެވެ. މިގޮތުން ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ދެކުނު އެފްރިކާއިންވަނީ މާރޗް 27 ވަނަ ދުވަހުން ފެށިގެން ފަސްހަފްތާގެ މުއްދަތައް އެގައުމުގެ ގިނަ ވިޔަފާރިތަކެއް ބަންދުކޮށްފައެވެ.

ގައުމީ ތަފާސްހިސާބު އޮފީހުގެ އަދަދުތައް ބުނާގޮތުން ދެކުނު އެފްރިކާގައި އިގްތިސާދީ ގޮތުން ހަރަކާތްތެރި ނޫން މީހުންގެ އަދަދުތައްވެސް މިއަހަރުގެ ދެވަނަ ކުއާޓާގައިވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. މިގޮތުން އެ އޮފީހުން އާންމުކޮށްފައިވާ ހިސާބުތައް ބުނާގޮތުން އިގުތިސާދީ ގޮތުން ހަރަކާތްތެރި ނޫން މީހުންގެ އަދަދުވަނީ 5.3 މިލިއަނުން 20.5 މިލިއަނަށް އިތުރުވެފައެވެ.

މެއިމަހު ދެކުނު އެފްރިކާއިންވަނީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާނެއް މީހުންނަށް އެހީގެ ޕެކޭޖެއް ތާރަފް ކޮށްފައެވެ. މިގޮތުން ވަޒީފާނެއް ކޮންމެ މީހަކަށް ސަރުކާރުގެ ފަރާތުންވަނީ 350 ރޭންޑް (ދެކުނު އެފްރިކާ ރުފިޔާ) ދީފައެވެ. މިއީ އެމެރިކާ ޑޮލަރުން ބަލާނަމަ 21 ޑޮލަރެވެ.

ދެކުނު އެފްރިކާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 10 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް ޕޮޒިޓިވު ކޭސަސް ރިކޯޑް ކުރެވިފައިވާ ގައުމެވެ. މިގޮތުން ދެކުނު އެފްރިކާއިން 653,444 މީހުން މިބައްޔަށް ޕޮޒިޓިވުވެފައިވާ ކަމަށް ރިކޯޑް ކޮށްފައިވާއިރު މިބަލީގައި 15,800 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ