ކޮވިޑް-19: ޖަލުތަކުން މިބަލި ނުފެނުނީ އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން: ކޮމިޝަނަރ އަހުމަދު

ރާއްޖޭގެ ޖަލުތަކުގައި ކޮވިޑް-19 ނުފެނުނީ ކުރިން އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ޓްވިޓަރ މެދުވެރިކޮށް، ފިތުރު އީދުގެ ތަހުނިޔާ ވިދާޅުވެ އާންމު ކުރެއްވި ވީޑިއޯ މެސެޖުގައި ކޮމިޝަނަރު އަހުމަދު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ފެނުމާއި އެކު ޖަލުތަކުގައި އެ ވައިސް ފެތުރުނަ ނުދިނުމަށްޓަކައި ގިނަ ކަންތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ގައިދީންނާއި ބަންދު ކުރެވިފައިވާ މީހުންނާއި އޮފިސަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު ކަމަށްވެސް ކޮމިޝަނަރު އަހުމަދު ވިދާޅުވި އެވެ.

 

މީގެ އިތުރުން, މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި އެކު ކަރެކްޝަންސްގެ ހިދުމަތްތައް އޮންލައިން ކޮށް ޖަލުތައް އެލާޓަށް ގެނެވުނު ކަމަށާއި ޖަލުތަކުގައި ތިބި ގައިދީންނާއި ބަންދުކުރެވިފައިވާ މީހުންނާއި އަދި ޖަލުތަކުގައި ތިއްބަވާ އޮފިސަރުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވައި، ކަމާބެހޭ އެކިއެކި ފަރާތްތައް މެދުވެރިކޮށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާގުޅޭ ސެޝަންތައް ބާއްވައި، ހޭލުންތެރިކަން އިތުރުކުރެވުނު ކަމަށް ވެސް ކޮމިޝަނަރު އަހުމަދު ވިދާޅުވި އެވެ.

ފުރަބަންދު ކުރުމާއި ގުޅިގެން ޖަލުތަކުގައި ތިއްބެވި އޮފިސަރުންނަށް ވެސް އެމުވައްޒަފުންގެ އާއިލާތަކާއި ދުރުގައި، ވަޒީފާގެ ޒިންމާ އަދާކުރެއްވުމުގައި ތިއްބެވި ކަމަށްވެސް ކޮމިޝަނަރު އަހުމަދު ވިދާޅުވިއެވެ.

ކަރެކްޝަންސް ބެލުމުގެ ދަށުގައި ހަތަރު ޖަލެއް ހިމެނޭއިރު އެ ހުރިހާ ޖަލުތަކުގައި ވެސް ވައިރަސް ނެތްކަން ޔަގީން ކުރުމަށް ރެންޑަމް ސާމްޕަލް ނެގި އެވެ. ހުޅުމާލެ ޖަލު ފިޔަވާ އެހެން ހުރިހާ ޖަލެއްގެ ސާމްޕަލްތައް ލިބިފައިވާއިރު ލިބުނު ހުރިހާ ސާމްޕަލްތަކެއް ވަނީ ނެގެޓިވްވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ