ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން އިއްޔެވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް އެތައް ބަޔަކު ޖޫރިމަނާ ކޮށްފިއެވެ.
އެގޮތުން ފުލުހުން ވިދާޅުވެފައިވަނީ ލޮކްޑައުންގެ އަމުރާއި ޚީލާފުވެގެން އިއްޔެ 188 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، އަދި އިއްޔެގެ ނިޔަލަށް 5447 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އެއީ މާލެ އިން ޖޫރިމަނާ ކުރި 4724 މީހަކާއި، ހުޅުމާލެ އިން ޖޫރިމަނާ ކުރ ި620 މީހަކާއި، ވިލިމާލެ އިން ޖޫރިމަނާ ކުރި 103 މީހެކެވެ.
މީގެ އިތުރުން ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން އިއްޔެ ވަނީ 12 މީހުން ހައްޔަރު ކޮށްފައެވެ. އެ އެންމެންނަކީވެސް މާލެ އިން ހައްޔަރު ކުރި މީހުންނެވެ. ފުލުހުން ހާމަ ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން މިހާތަނަށް ވަނީ 294 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ މާލެ އިން ހައްޔަރު ކުރި 261 މީހަކާއި، ހުޅުމާލެ އިން ހައްޔަރު ކުރި 30 މީހަކާއި، ވިލިމާލެ އިން ހައްޔަރު ކުރި 3 މީހެކެވެ.
ލޮކްޑައުންގެ އަމުރާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ހައްޔަރު ކުރަމުން ދިޔަ ނަމަވެސް، އަމުރާ ޚިލާފުވާ މީހުންގެ އަދަދު މަދެއް ނުވެއެވެ.
ރާއްޖޭގައި މިހާތަނަށް 1395 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އެބަލިން 155 މީހަކު ރަނގަޅުވެފައިވާއިރު، 4 މީހަކު ވަނީ ނިޔާވެފައެވެ.




