ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފޮނުވާލައިފި

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ އިތުރު 200 ބަންގްލަދޭޝް މީހުން މިއަދު ޤައުމަށް ފޮނުވާލައިފިއެވެ.

މި މީހުން ގައުމަށް ފޮނުވާލައިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އުޅެމުންދާ އެހެން ޤައުމުތަކުގެ މީހުން އެ ޤައުމުތަކަށް ފޮނުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެގޮތުން ރާއްޖޭގައި މައްސައްކަތް ކުރާ 1000 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން މީގެ ކުރިންވެސް ވަނީ އަނބުރާ ޤައުމަށް ފޮނުވާލައިފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި މިއަދު ފޮނުވާލި މީހުންގެ ތެރޭގައި ޞައްޙަ ލިޔުމެއް ނެތި ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 111 މީހަކުވެސް ހިމެނެއެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާއިރު، ރާއްޖޭގައި މި ބައްޔަށް އެންމެ ގިނަ އިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މަސައްކަތްތެރިން އުޅެމުންދާ އިރު، އޭގެ ތެރޭގައި ޤާނޫނާ ޚިލާފަށްވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ އުޅެމުންނެވެ.

ރާއްޖޭގައި އުޅެމުންދާ ބޭރު ޤައުމުތަކުގެ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރާ އިރު، އެހެން  ޤައުމުތަކުގައި އުޅެމުންދާ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތްތައްވެސް ސަރުކާރުން ދަނީ ކުރަމުން ނެވެ. އެގޮތުން ބަންގްލަދޭޝް އިންވެސް ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ