ރާއްޖޭގެ ރަށްރަށް މިހާރު ހިންގަނީ ޓާސްކް ފޯސް ތަކަކުން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ވައްޑޭ ވިދާޅުވީ ރަށް ރަށް މިހާރު ހިންގަނީ ރަށް ރަށުގެ ކައުންސިލް ތަކަކުން ނޫން ކަމަށާއި ރަށްރަށް މިހާރު ހިންގަނީ ޓާސްކް ފޯސް ތަކަކުން ކަމަށެވެ.
ވައްޑޭ ވިދާޅުވީ ރަށް ރަށުގައި ގިނަ މީހުން ތިބީ ގޭގައި ބަންދުވެފައި ކަމަށެވެ. ރައްޔިތުންނަށް ކަންކަމުގައި ބަސް ބުނެ ހަލްތާލު ކުރުމުގެ ފުރުޞަތު މިހާލަތުގައި ތިބެ ނެތް ކަމަށާއި މިހާލަތުގައި ތިބެ ޤާނޫނު އަސާސީއާއި ކުޅެން ހެޔޮ ނުވާނެކަމަށް ވައްޑޭ ވިދާޅުވިއެވެ.
ކައުންސިލަރުންގެ ދައުރު ދިގުކުރުމަށް ޤާނޫނޫ އަސާސީއަށް އިސްލާހު ގެނައުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވައްޑޭ ވިދާޅުވީ ހަމަ އެކަނި ޤާނޫނު އަސާސީގެ ތަންކޮޅެއް އިސްލާހުކޮށްގެން ނޫނީ ކައުންސިލް މެންބަރުން ގެ ދައުރު ދިގުނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިޔަސް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެނޫން ގޮތަކަށްވެސް އެކަން ކުރެއްވޭނެ ކަމަށް ވައްޑޭ ވިދާޅުވިއެވެ. އެގޮތުން ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ދަށަށް އަކުރެއް އިތުރު ކޮށްގެންވެސް އެކަން ކުރެއްވޭނެ ކަމަށް ވައްޑޭ ވިދާޅުވިއެވެ.
ވައްޑޭ ވިދާޅުވީ ޤާނޫނު އަސާސީ ގެ 267 ވަނަ މާއްދާގައި ބުނަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ ވަގުތެއްގައި، ޤާނޫނު އަސާސީއަށް އެއްވެސް އިޞްލާހެއް ގެނަސްގެން ނުވާނެ ކަމަށެވެ.



