މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ | ފޮޓޯ: މިހާރު

މިއަހަރު މީރާގެ އާމްދަނީ 8 ބިލިއަން ރުފިޔާ ދަށްވާނެ ކަމަށް ލަފާކޮށްފި

މިއަހަރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާމްދަނީ 8 ބިލިއަން ރުފިޔާ ދަށްވާނެ ކަމަށް ލަފާކޮށްފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވީ 2020 ވަނަ އަހަރު މީރާ އަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.20 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އެހެންނަމަވެސް މިއަހަރު މިހާރު ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 8.95 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. ފަތުހުﷲ ވިދާޅުވީ މިއީ %48 ގެ ދަށްވުމެއް ކަމަށެވެ.

ފަތުޙުﷲ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މިރާ މެދުވެރިކޮށް ބަލައިގަންނަ ދަޢުލަތުގެ އާމްދަނީ އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި މީރާ އަށް ބަލައިގަންނަ %60 އަށްވުރެ ގިނަ ފައިސާ ދައްކަމުން ގެންދަނީ ޓޫރިޒަމް ދާއިރާއިން ކަމަށާއި ބޯޑަރު ބަންދުވުމާއި ގުޅިގެން ޓޫރިޒަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.

ޖެނުއަރީ މަހު 1.8 ބިލިއަން ރުފިޔާގެ މީރާ އަށް ބަލައިގެނެވިފައި ވާއިރު އެ އަދަދު ދިޔައީ މަހުން މަހަށް ދަށްވެގެން ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. އެގޮތުން އެޕްރީލް މަހު ބަލައި ގެނެވިފައިވަނީ 527 މިލިއަން ރުފިޔާ ކަމަށް ކަމަށާއި މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް މީރާ އަށް ބަލައިގެނެވިފައިވަނީ 109 މިލިއަން ރުފިޔާ ކަމަށްވެސް ފަތުހުﷲ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ