ކޮވިޑް-19 ކޮންޓުރޯލް ކުރުމަށްޓަކައި އިއުލާންކޮށްފައިވާ ލޮކްޑައުންގައި އަޅައިފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ލުއިތަކެއް ދިނުމަށް ނިންމައިފައިވާއިރު ފުރަތަމަ ފިޔަވަހީގައި މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ދެހަފްތާގެ މުއްދަތަަށް ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، "ފުރަތަމަ ލުއި ދޭނީ ދެ ހަފުތާ އަށް. މީގެތެރޭގައި މީހުންނަށް ބޭރަށް ނުކުމެވޭ ގޮތް އިތުރަށް ފަހިވެގެންދާނެ." ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އާންމު ހިދުމަތަށް ފުރަތަމަ ފިޔަވަހީގައި އޮފީސްތައް ހުޅުވާ ގޮތަކަށް ހަމަޖެހިފައެއް އަދި ނެތް ކަމަށާއި، އެކަމަކު ހިދުމަތް ދެވޭ ވަރަށް އޮފީސްތައް ފަންގްޝަންތައް ކުރެވޭ ގޮތް ވާނެ ކަމަށެވެ.
ފުރަތަމަ ފިޔަވަހީގެ ނަތީޖާއަށް ބަލައި އިތުރު ލުއިތައްވެސް ދެއްވާނެ ކަން ފާހަގަ ކުރައްވައި މި ލުއިތައް ދެއްވި ނަމަވެސް ކޮވިޑް-19 ގައުމުން ފިލައިގެން ދިޔަކަމަށް ނުބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް މިނިސްޓަރ އަމީންވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
ފުރަތަމަދޭ ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.




