ޓުރަމްޕުގެ ޓުވީޓަކަށް ޓުވިޓަރ އިން ފިޔަވަޅު އަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ކުރެއްވި ޓުވީޓެއް މީސްމީޑިއާ ޓުވިޓާގެ މިންގަނޑުތަކާއި ހިލާފުވެފައިވާތީވެ އެ ކުންފުނިން ފިޔަވަޅު އަޅައިފިއެވެ.

ޓުވިޓާއިން ފިޔަވަޅު އަޅައިފައިވަނީ އެމެރިކާގައި ކަޅު ނަސްލުގެ މީހަކު ފުލުހުންގެ އަމަލުތަކުގެ ސަބަބުން މަރުވި މައްސަލައިގައި ހިނގަމުންދާ މުޒާހަރާތަކާއި ގުޅިގެން ޓުރަމްޕް ކުރެއްވި ޓުވީޓަކަށެވެ. ޓުވިޓާއިން ބުނެފައިވަނީ ޓުރަމްޕުގެ މި ޓުވީޓު ހަމަނުޖެހުމަށް ބާރުއަޅާ ކަމަށެވެ.

އެމެރިކާގައި ފުލުހުންނާއި ދެކޮޅަށް ހިނގަމުންދާ މުޒާހަރާތަކާއި ގުޅިގެން ޓުރަމްޕް ކުރި ޓުވީޓުގައި ވިދާޅުވެފައިވަނީ، މުޒާހަރާކުރާ ފަރާތްތަކާއި ކުރިމަތިލުމަށް ނޭޝަނަލް ގާޑުން ފޮނުވަން ޖެހިދާނެ ކަމަށާއި އަދި ލޫޓުކުރުންފަދަ ކަންކަން ހިނގާނަމަ ހަމަލާދިނުން ފެށޭނެ ކަމަށެވެ.

ޓުވިޓާއިން މި ޓުވީޓް ޑިލީޓް ކޮށްފައެއް ނުވެއެވެ. ނަމަވެސް މި ޓުވީޓުވަނީ ނުފެންނަ ގޮތް ހެދުމަށްފަހު އިންޒާރުގެ މެސެޖެއް ފެންނަ ގޮތަ ހަދައިފައެވެ. އެ ޓުވީޓަށް ކުލިކް ކޮށްލުމުން މިހާރުވެސް އެ ޓުވީޓު ފެއްނަން ހުރެއެވެ. ޓުވިޓާއިން ބުނެފައިވަނީ ޓުވީޓު ޑިލީޓްކޮށްނުލާ ހަމައެކަނި އިންޒާރުގެ މެސެޖެއް ފެއްނަ ގޮތަށް ބެހެއްޓީ އާމުން އެ ޓުވީޓު ބަލަން ބޭނުންވެދާނެ ކަމަށް ބަލައިފައި ކަމަށެވެ.

މިދިޔަ ބުދަ ދުވަހުވެސް ޓުވިޓާއިންވަނީ ޓުރަމްޕުގެ ޓުވީޓަކާއި ގުޅިގެން ފިޔަވަޅެއް އަޅައިފައެވެ. މިގޮތުން އެފަހަރު ޓުވިޓާއިންވަނީ "ފެކްޓް-ޗެކިން" ލިންކެއް އެ ޓުވީޓަށް އެޑް ކޮށްފައެވެ.

ޓުރަމްޕްވަނީ މިކަމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓުވިޓާއިން ހަމައެކަނި މިފަދަ ފިޔަވަޅުތައް އަޅަނީ ރިޕަބްލިކަނުންނާއި އަދި އެމެރިކާގެ ރައީސް އާއި ދެކޮޅަށްކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ