ކްލަބް ހުވާސް ރަމަޟާން ވޮލީ މުބާރާތް ހދ.ނޮޅިވަރަމްގައި ފަށައިފިއެވެ.
ރަށުގައި ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް އެކުވެރިކަން އާލާކޮށް ދިރުވުމުގެ ނިޔަތުގައި އެރަށުގެ ކްލަބެއް ކަމަށްވާ ކްލަބް ހުވާސްއިން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތް ރޭ ވަނީ ފެށިފައެވެ.
މިމުބާރާތުގައި ޖުމްލަ 3 ޓީމެއް ބައިވެރިވާކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ. އެއީ ރަހަތަފާތު، ސްކޫލް ޓީމް އަދި އާރް.ސީ.ޓީ.އީ އެވެ. ރޭ ކުޅެވުނު މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރަހަ ތަފާތު އަދި ސްކޫލް ޓީމެވެ. މިމެޗު 4 ސެޓް 1 ސެޓުން ކާމިޔާބުކޮށްފައިވަނީ ސްކޫލް ޓީމެވެ.
މުބާރާތުގެ ޗެމްޕިއަންޓީމަށް -/2000 ރުފިޔާގެ ފައިސާ އިނާމް ހުށައެޅިފައިވާއިރު ރަނަރއަޕަށް -/1500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެފަރާތުން ބުނެއެވެ. މީގެ އިތުރުން ކޮންމެ މެޗެއްގެވެސް އެންމެ މޮޅު ކުޅުންތެރިޔާއާއި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންވެސް ހޮވުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ދެބުރަކަށް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާރުގެ ފައިނަލް އޮންނާނީ މިމަހު 16 ވަނަ ދުވަހުގެ ރޭ 10:00 ގައެވެ.
މިއަހަރުގެ މުބާރާތް ކުޅެވެނީ " ކްލަބް ހުވާސް ރަމަޟާން ވޮލީ މުބާރާތް 1440 " ނަމުގައެވެ.

މިއީ އަދި ފެށުމެއްކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ސިލްސިލާކޮށް މިމުބާރާތް ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރިކަމަށް ކްލަބް ހުވާސްގެ ފަރާތުން މަޢުލޫމާތު ދެމުން ބުންޏެވެ.
ކްލަބް ހުވާސްއަކީ ނޮޅިވަރަންގައި ކުޅިވަރުގެ ގިނަ ކަންތައްތަކުގެ އިތުރުން ޢިޖްތިމާއީ ހަރަކާތްތަކުގައިވެސް ފާހަގަކޮށްލެވޭ ކްލަބެކެވެ. އެގޮތުން އަތޮޅު ފުޓުބޯޅަ މުބާރާތަށް އެފަރާތުން ކޮންމެ އަހަރުކުވެސް ޒުވާން ހުނަރުވެރި ޓީމެއް ނެރެމުން އަންނަ ފާހަގަކޮށްލެވެއެވެ.