މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްސްއާ ހިލާފުވެގެން ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ނަމަވެސް އެމުވައްޒަފު މަގާމުން ވަކި ކުރި ކަމުގެ ލިޔުމުގައި ބުނެފައި ވަނީ، ފަހު އިންޒާރާއެކު އަޅާފައިވާ އިސްލަހީ ފިޔަަވަޅުތަކަށް އަމަލު ނުކޮށް ރައީސް ސާލިހާއި ރައީސް ނަޝީދުގެ އަބުރު ގެއްލޭގޮތަށް މީސް މީޑިއާގައި ފާޅުގައި ލިޔަމުން ދިއުމުގެ ސަބަބުން ކަމަށެވެ.
މިކަމާއިގުޅިގެން އޮންލައިން ނޫސް "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އަނބުރު ކަތިލިކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަށް ޗިޓް ފޮނުވުނީ އިދާރީ އޮޅުމަކުން ކަމަށެވެ. އަދި އެކަން އިސްލާހުކޮށް އަނެއްވެސް ދެވަނަ ފަހަރަށް ޗިޓް ފޮނުވާފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ފުރަތަމަ ޗިޓަކީ އިދާރީ ގޮތުން ހެދިފައި އިން މިސްޓޭކެއް. އޭތި ކަރެކްޓްކޮށްފައި އިންނާނީީ ފަހުން. އޭގައި ލިޔަން ޖެހޭ އިބާރާތް ނޫން އިބާރާތެއް ބޭނުންކޮށްފައި ވަނީ،" ޝާހިދު "ސަން" އަށް ވިދާޅުވިއެވެ.
ޝާހީދު އިތުރަށް ވިދާޅުވީ، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި ހިޔާލުފާޅުކުރުުގެ މިނިވަންކަމާ ގުޅުމެއް ނެތް ކަމަށާއި، ހިޔާލު ފާޅުކޮށްގެން މުވައްޒަފަކު ވަޒީފާއިން ކަނޑާ ނުލާނެ ކަމަށެވެ.




