ދިވެހި ޙައްޖުވެރިންތަކެއް - ފޮޓޯ: ސަން

އޮޅުވާލި ގުރޫޕްތަކަށް މިފަހަރުވެސް ޙައްޖަށް މީހުން ގެންދަން ހުއްދަ ދީފި

ވޭތުވެދިޔަ އަހަރުތަކުގައި ޙައްޖަށް މީހުން ގެންދިއުމުގައި އޮޅުވާލި ކުންފުނިތަކަށް ހަމަ އެ އަގުގައި މިއަހަރުވެސް ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފިއެވެ.

2019 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން އަމިއްލަ ފަސް ކުންފުންޏަކަށެވެ. އެކަން އިއުލާން ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތައް:

1- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ - 69965ރ
2- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް - 72550ރ
3- މިނާ ޙައްޖު އެންޑް ޢުމްރާ - 69965ރ
4- ޒަޢީ ގުރޫޕް ޕްރައިވެޓް ލިމިޓެޑް - 70000ރ
5- އެކްރޯ ޕްރައިވެޓް ލިމިޓެޑް - 59965ރ

އަމިއްލަ ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށްވެސް ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވަނީ 90 ކޯޓާއެވެ. އެއީ ޖުމްލަ 450 ކޯޓާއެވެ. ދިވެހިރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން ބާކީ 550 ކޯޓާ ދީފައިވަނީ ސަރުކާރުގެ ހައްޖު ކުންފުނި ހައްޖު ކޯޕަރޭޝަނަށެވެ. ޙައްޖު ކޯޕަރޭޝަނުން މީހުން ޙައްޖަށް ގެންދަން ނަގަނީ 69965ރ އެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޙައްޖަށް މީހުން ގެންދިއުމުގައި އޮޅުވާލުންތައް މަދުކުރުމަށްޓަކައި އެކުލަވާލި އައު އުޞޫލަކީ ހަރުދަނާ އުޞޫލެއް ކަމަށާއި، އެ އުޞޫލުގެ ދަށުން ޙައްޖަށް މީހުން ގެންދަން ހުއްދަ ދޭނެ ކުންފުނިތައް ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީގެ 2 ބޭފުޅުންނާއި، އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅަކާއި، ފިނޭންސް މިނިސްޓްރީގެ ބޭފުޅެއްގެ އިތުރުން އެޓާރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅެއް ހުންނަވާ ކޮމެޓީއަކުން ކަމަށެވެ.

އައު އުޞޫލުގެ ދަށުން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފަނީ ތިން ދާއިރާއަކުން މާކްސް ދީގެނެވެ. އޭގެ ތެރޭގައި ހިމެނެނީ ޚިދުމަތުގެ ފެންވަރަށް ދެވޭ 60 އިންސައްތަ މާކްސްއާއި، އަގަށް ދެވޭ 35 އިންސައްތަ މާކްސްގެ އިތުރުން ތަޖުރިބާއަށް ދީފައިވާ 5 އިންސައްތަ މާކްސްއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިވަގުތު ލިބިފައިވަނީ 1000 ކޯޓާ ނަމަވެސް އިތުރަށް 1000 ކޯޓާ ލިބޭނެކަމުގެ ޚަބަރު ލިބިފައިވާ ކަމަށާއި، އެ ކޯޓާތައްވެސް ފުރަތަމަ 1000 ކޯޓާ ބެހި އުޞޫލުން ބަހާލާނެ ކަމަށެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްގައިވާ އަގުތައް ފިޔަވާ އިތުރަށް އެއްވެސް ނަމެއްގައި ފައިސާ ނުނެގޭނެ ކަމަށާއި، އެގޮތަށް އެއްވެސް ނަމެއްގައި ކުންފުނިތަކަށް އިތުރަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިފަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދިން ކުންފުނިތަކުގެ ތެރެއިން އަލްޙަރަމައިން އާއި މިނާ ޙައްޖު އެންޑް ޢުމްރާ، ޒަޢީ ގުރޫޕް ޕްރައިވެޓް ލިމިޓެޑް އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑަކީ ވޭތުވެދިޔަ އަހަރުތަކުގައި ހަމަ މި އަގުގައި ޕްރޮޕޯސަލް ހުށަހެޅުމަށްފަހު އެކި ނަންނަމުގައި ލައްކައަކަށްވުރެ ބޮޑެތި ފީތައް ނަގައި ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް ގިނަ ބަޔަކު ބުނާ ކުންފުނިތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ