މާލޭގެ ކަރަންޓްގެ ޕީކް ލޯޑް ކޭޓަރ ކުރުމަށް ގާށިގައި އިތުރު 4 ޖަނަރޭޓަރ ބެހެއްޓިފައި ވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓޭލްކޯ) އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޮކްޑައުންގެ ހާލަތުގައި ވެސް ސްޓެލްކޯ އިން ރައްޔިތުންނަށް ދޭ ޙިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ގާކޮށީގައި ޕީކް ލޯޑަށް ކޭޓަރ ކުރުމަށް އިތުރު 4 ޖެނެރޭޓަރ ބެހެއްޓިފައިވާ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
ގާކޮށީގައި ސްޓެލްކޯ އިން ބެހެއްޓި 4 ޖަނަރޭޓަރ ބަހައްޓާފައިވަނީ އެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ މާލެ ސްކެއާ ފްލެޓް ސަރަހައްދުގައެވެ.
މީގެ އިތުރުން ވެސް ލޮކްޑައުންގެ ހާލަތުގައި ސްޓެލްކޯ އިން ވަނީ އިތުރު މަސައްކަތްތަކެއްވެސް ކުރައްވާފައެވެ. އެގޮތުން ވ. ކެޔޮދޫގެ ޑިސްޓްރިބިއުޝަން ނެޓް ވޯކް އަޕްގްރޭޑް ކުރުމަށް ލޯ ވޮލްޓޭޖް ކޭބަލް އެ ރަށަށް ގެންދެވިފައިވާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. ސްޓެލްކޯއިން ވިދާޅުވެފައިވަނީ މި ކޭބަލް އެޅުމުގެ މަސައްކަތް މި މަސް ތެރޭގައި ފެށުމަށް ނިންމާފައިވާކަމަށެވެ.
އދ. ދިގުރަށު ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ބޭނުންވާ ކޭބަލް ފޮނުވުމުގެ މަސައްކަތްވެސް ސްޓެލްކޯއިން ވަނީ ކޮށްފައެވެ. އަދި އއ. ބޮޑުފުޅަދޫ އިންޖީނުގޭގެ ދުން ހޮޅިއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމަށްވެސް ސްޓެލްކޯއިން މަސައްކަތް ކުރައްވާފައިވާކަމަށް އެކުންފުނިން ވަނީ ވިދާޅުވަފައެވެ.
މީގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި ހުރި ގެޔަކަށް ދިމާވި ކަރަންޓު މައްސަލައެއް ސްޓެލްކޯއިން ހައްލުކޮށްފައިވާއިރު އެކުންފުނިން ވިދާޅުވެފައިވަނީ، މިފަދަ ކޮންމެ މަސައްކަތެއްވެސް ކުރިޔަށްދަނީ މުވައްޒަފުންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށްފަހު ފުރިހަމަ ތައްޔާރީތަކާއެކުކަމަށެވެ.



