މެންބަރު ޝިޔާމް މަޖިލީހުން ބޭރު ކުރުމުގެ ތެރެއިން - ފޮޓޯ: ސަން

"މަޖިލީހުގައި ގައިދުރުކަން ނަގައިލި މެންބަރުންގެ މައްޗަށްވެސް ދަޢުވާ ކުރަންޖެހޭ"

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި ގައިދުރުކަން ނަގައިލި މެންބަރުންގެ މައްޗަށް ދަޢުވާކުރަންޖެހޭ ކަމުގައި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

މިހާރު ތިބި ކައުންސިލަރުގެ ދަޢުރު ދިގުކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި މި ދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި ގިނަ މެންބަރުންތަކެއް ގައިދުރުކަން ނެތި އުޅުނު މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

މި ޖަލްސާގައި ރިޔާސަތުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމްގެ ނަން އިއްވުމާއި ގުޅިގެން އޭނާ ތަޅުމުން ނިކުތުމަށް ދެކޮޅު ހެދުމުން މަޖިލީހުގެ މެންބަރުންތަކެއް ވަނީ އޭނާ ގަދަކަމުން މަޖިލީހުން ބޭރުކޮށްފައެވެ. މެންބަރު ޝިޔާމް މަޖިލީހުން ބޭރު ކުރުމުގައި މެންބަރުންގެ މެދުގައި އެއްވެސް ގައިދުރުކަމެއް ނެތްކަން ފާހަގަކޮށް ގިނަބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ގިނަ ދުވަސް ތަކަކަށްފަހު ރައްޔިތުންގެ މަޖިލީހުގައި ޖަލްސާތައް ބޭއްވުމަށް ހުއްދަ ދީފައިވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކުއެވެ.

ހައިލް ވިދާޅުވެފައިވަނީ އެޗްޕީއޭގެ އެންގުމާ ޚިލާފަށް މަގުމަތީގައި އުޅޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރާ އުޞޫލުން، އެޗްޕީއޭގެ އެންގުމާ ޚިލާފަށް މަޖިލީހުގައި ގައިދުރުކަން ނަގައިލި މެންބަރުންގެ މައްޗަށްވެސް ޢުޤޫބާތުގެ 533 މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާކުރަންޖެހޭކަމަށެވެ.

މާލެ ސަރަހައްދުގައި ލޮކްޑައުންގެ މުއްދަތުގައި ލުއިތަކެއް ދީފައި ވީނަމަވެސް އޮންނަ އުޞޫލާއި ޚިލާފުވާ ފަރާތްތައް ދަނީ ޖޫރިމަނާކޮށް ހައްޔަރު ކުރަމުންނެވެ. އެގޮތުން ޖޫން 2 ވަނަ ދުވަހުވެސް ފުލުހުން ވަނީ ލޮކްޑައުންގެ އަމުރާ ޚިލާފުވި 206 މީހަކު ޖޫރިމަނާ ކޮށް 9 މީހަކު ހައްޔަރު ކޮށްފައެވެ.

ހައިލަމް އިތުރަށް ވިދާޅުވެފައިވަނީ މަޖިލިސް މެންބަރުންނަށް ލިބިދެވޭ އިމްތިޔާޒަކީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތިން ދައްކާ ވާހަކައަކާ ގުޅިގެން ލިބިދެވޭ އިމްތިޔާޒެއްކަމަށާއި، ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކުރުމަކީ އެ އިމްތިޔާޒުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ