ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ އަންހެނަކު ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެ ކުދިން ނިޔާވެއްޖެއެވެ.
މިއަންހެން މީހާ ވިހާފައިވަނީ މިއަދުގެ ހެދުނުގެ ވަގުތެއްގައެވެ. މިއަންހެން މީހާއަކީ އެ އަތޮޅު މީދޫގައި ދިރިއުޅެމުން އަންނަ މީހެކެވެ. މަޢުލޫމާތު ލިބޭގޮތުގައި އެ ދެ ކުދިން ނިޔާވެފައި ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
ކުޑަހުވަދޫ ހޮސްޕިޓަލުގެ މެނޭޖަރު ތޯހިރު އަބްދުލް ސައްތާރުއާއި ޙަވާލާދީ "އައްޑޫލައިވް" ގައި ބުނެފައިވަނީ އެމީހާގެ ބަނޑަށް މިހާތަނަށް ވެފައިވަނީ ފަސް މަސް ކަމަށާއި އެ އަންހެން މީހާ މާލެ ފޮނުވާލުމަށް މަސައްކަތް ކުރި ކަމަށެވެ.
"މާބަނޑު މީހާ ހޮސްޕިޓަލަށް ގެނައީ އިމަޖެންސީގައި، ގެނައި އިރުވެސް ކުދިންގެ ވިންދު ދަށްކޮށް ހުރީ، ކުދިންގެ އުމުރަށް ބަލާއިރު 5 މަސް، ހޮސްޕިޓަލުން ވަރަށް މަސައްކަތް ކުރި ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް" ޠޯހިރު ވިދާޅުވިކަމަށް "އައްޑޫލައިވް" ގައި ވެއެވެ.
ކުޑަ ކުދިން ނިޔާވުމުގެ މައްސަލަތަކެއް މިފަހުން ފެންމަތިވެފައިވާއިރު، މީގެކުރިން ތޮއްޑޫގައި މާބަނޑު މީހެއްގެ ބަނޑަށާއި، ށ. ނަރުދޫ މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ތޮއްޑޫ މާބަނޑު އަންހެން މީހާ އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުން ލަސްވެ ތޮއްޑޫގައި މާބަނޑު މީހާއަށް ފަރުވާ ލިބޭނެ ގޮތެއް ނުވެ ދަރިފުޅު ބަނޑަށް ނިޔާވީއެވެ. އަދި ނަރުދޫގައި މާބަނޑު އަންހެން މީހާ ވިހަންދާނެ ހޮސްޕިޓަލެއް ހަމަނުޖެހި، ށ.ފުނަދޫ ހޮސްޕިޓަލުން އޭނާ ވިހެއުމަށް ގެންދަން ހުއްދަ ނުލިބި އެންމެފަހުން ށ.މިލަންދޫ އިން އޭނާ ކުޅުދުއްފުށީ ހޮސްޕިޓަލާ ހަމައަށް ގެންދެވުނުއިރު އޮތީ މާ ލަސްވެފައެވެ. އޭނާގެ ބަނޑަށް ދަރިފުޅު ނިޔާވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.



