އެމެރިކާގައި ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލައިލާއިރު، އެމެރިކާގައި ކޮވިޑް-19 އަށް 2,007,449 މީހަކުވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 112,469 މީހުން އެމެރިކާގައި މަރުވެފައިވާއިރު، ފަރުވާކުރެވި ބަލިން ރަނގަޅުވެފައިވަނީ 761,708 މީހުންނެވެ.
ކޮވިޑް-19 ޖެހިގެން އެމެރިކާގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 16,923 މީހެއްގެ ހާލު ސީރިއަސް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ. އެޤައުމަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކަށް މި ބަލީގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.
ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މިހާރު 211773 މީހުން މަރުވެފައިވާއިރު މިބައްޔަށް 7,091,659 މީހުން ވަނީ މުޅި ދުނިޔެއިން ޕޮޒިޓިވް ވެފައެވެ. މިބަލި ޖެހުމަށްފަހު މިހާތަނަށް ޖުމްލަ ރަނގަޅުވެފައި ވަނީ 3,461,118 މީހުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން ދުނިޔޭގެ އެންމެހާ ގައުމުތަކަށް އިލްތިމާސް ކޮށްފައިވަނީ މިބަލިން ރައްކާތެރިވުމަށް އަވަސް ހަރުދަނާ ފިޔަވަޅުތައް އެޅުމަށެވެ. މިބައްޔާއިމެދު ފަރުވާކުޑަ ކޮށްލެވިއްޖެނަމަ މިބައްޔަކީ އެތައް ބަޔެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެފަދަ ބައްޔެއް ކަމަށްވެސް ޑަބުލިޔުއެޗްއޯ އިން ވިދާޅުވެއެވެ.



