އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް - ފޮޓޯ: ރާއްޖެއެމްވީ

އެމްޑަބްލިއުއެސްސީ ފުލެޓްތަކަކީ މުވައްޒިފުންނަށް ދިން ލަނޑެއް - އާޒިމް

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މުވައްޒިފުނަށް ނިމިދިޔަ ސަރުކާރުގައި އަޅަން ނިންމި ފްލެޓްތަކަކީ ބޮޑު އޮޅުވާލުމެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި "ހިޔާ" ޕްރޮގްރާމްގެ ދަށުން އެމްޑަބްލިއުއެސްސީގެ މުވައްޒިފުންނަށް ހާއްސަ 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ފެބްރުއަރީ މަސްތެރޭގައެވެ.

ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ދެ ޓަވަރު އަޅާގޮތަށް މިދިޔަ ސަރުކާރުން ސޮއި ކޮށްފައިވީ ނަމަވެސް މުވައްޒަފުންގެ ތަރުހީބު ނުލިބުމުން އެއް ޓަވަރަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށާއި، ދެ ޓަވަރު އެޅުމަށް ނިންމާފައިވަނީ އެއްވެސް ކަހަލަ ޕްލޭނެއް ނެތި ކަމަށެވެ.

"ހަމަ ސީދާ [ރިޔާސީ] ކެމްޕެއިންއާ ދިމާކޮށް، ފައިސާވެސް ނުހޯދާ އެމްޑަބްލިއުއެސްސީގެ މުވައްޒިފުންގެ އަތުން އެޑްވާންސްކޮށް ފައިސާ ނަގައިގެން ފައުންޑޭޝަން އަޅާފައި އެއޮތީ ބާއްވާފައި. އެމްޑަބްލިއުއެސްސީގެ ނެތް މުޅި ތަން ނިންމާނެހާ ފައިސާއެއް. އެހެންވީމާ ސީދާ މުވައްޒިފުންނަށް އޮޅުވާލަން ކޮށްފައި އޮތް ކަމަށްކަށް ނޫންތޯ މިކަން ހިނގައިގެން މި ދިޔައީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ވިސްނުމަކީ މުވައްޒިފުންނަށް މަހުން މަހަށް ފައިސާ ދެއްކޭނެ ގޮތަށް ފުލެޓަށް ދައްކާ އަގު ތިރިކޮށްގެން މަޝްރޫއޫ ހިންގުން ކަމަށާއި، އެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް އޭނާ އަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ހިއްކި ބިމުގައި އަޅަން ނިންމި އެމްޑަބްލިއުއެސްސީގެ ދެ ޓަވަރު އަޅަން ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް އަށެވެ.

އެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އޭރުގެ އެމްޑީ އިބްރާހިމް ފަޒުލު ވިދާޅުވެފައިވަނީ އެ ދެ ޓަވަރުގައި 384 އެޕާޓްމަންޓް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް ހުންނާނެ ކަމަށެވެ. ކުންފުނީގެ 700 މުވައްޒިފުންގެ ތެރެއިން 50 ޕަސަންޓް މުވައްޒިފުންނަށް އެ ދެ ޓަވަރުން ފުލެޓް ދެވޭނެ ކަމަށް އޭރު ފަޒުލް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ