ކޮވިޑް-19: އިޓަލީވިލާތަށްވުރެ އިންޑިޔާގައި ބަލިޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ!

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އިޓަލީވިލާތަށްވުރެ އަވައްޓެރި އިންޑިޔާގައި އިތުރުވެއްޖެއެވެ.

ކޮވިޑްގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އިޓަލީއަށްވުރެ އަވައްޓެރި އިންޑިޔާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދުވަނީ މައްޗަށް އަރާފައެވެ. މިގޮތުން އިޓަލީގައި 234,998 މީހަކަށް މިހާތަނަށް ކޮވިޑް-19 ޖެހިފައިވާއިރު، އިންޑިޔާގައި 257,486 މީހަކަށްވަނީ މިބަލި ޖެހިފައެވެ.

އިއްޔެ އެކަނިވެސް އިންޑިޔާގައި 10,864 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އެހެންނަމަވެސް އިޓަލީގައި މިބައްޔައް ޕޮޒިޓިވްވި އަދަދު ވަނީ ވަރަށް ބޮޑުތަކުން މަދުވެފައެވެ. މިގޮތުން އިޓަލީގައި އިއްޔެ މިބަޔައް ޕޮޒިޓިވްވީ 197 މީހުންނެވެ.

އިއްޔެ މިބަލީގައި މިދެގައުމުން މަރުވި މީހުންގެ ނިސްބަތައް ބަލާއިރުވެސް އިންޑިޔާގައި މަރުވި މީހުންގެ އަދަދު އިޓަލީއަށްވުރެ ގިނަކަން ފާހަގަކުރެވެއެވެ. މިގޮތުން އިއްޔެ އިންޑިޔާގައި 261 މީހަކު މަރުވެފައި ވާއިރު އިޓަލީގައި މަރުވެފައިވަނީ 53 މީހުންނެވެ.

އެހެންނަމަވެސް މުޅިޖުމްލަ ނިސްބަތަށްބަލާއިރު އިންޑިޔާއަށްވުރެ، އިޓަލީގައި މަރުވި މީހުންގެ އަދަދު ގިނައެވެ. މިގޮތުން މިހާތަނަށް މިބަލީގައި ޖުމްލަ 33,899 މީހަކުވަނީ އިޓަލީގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ