މިއަންނަ އޮގަސްޓް މަހުން ފެށިގެން އިޓާލިއަން ސީރީއާ މެޗުތައް ބަލަން ސަޕޯރޓަރުން ދަނޑަށް ވަދެވޭނެކަމަށް އުންމީދުކުރާކަމަށް އެޤައުމުގެ ހެލްތު މިނިސްޓަރު ބުނެފިއެވެ.
ކޮވިޑް-19 އިޓަލީގައި ފެތުރުން މިހާރު ކޮންމެވެސް ވަރަކަށް މަޑުޖެހިލާފައިވާއިރު، ލޮކްޑައުންއަށްވެސް ސަރުކާރުން މިހާރުވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން އިޖުތިމާޢީ ގައިދުރުކޮށްގެން ތަންތަނަށް އެއްވެއުޅުމުގެ އެޤައުމުގައިވަނީ ދީފައެވެ.
އިޓަލީގެ ހެލްތު މިނިސްޓްރީގެ އަންޑަސެކްރެޓަރީ ކާލޯ ސިބިލިއާ ބުނީ، ސަޕޯޓަރުންނާއި ނުލައި ފުޓްބޯޅަ ފުރިހަމަނުވާނެކަމަށާއި، އަންނަ އޮގަސްޓް ނުވަތު ސެޕްޓަރުމަހުން ފެށިގެން ސަޕޯރޓަރުންނަށް ދަނޑަށް ވަދެވޭނެކަމަށް އުންމީދުކުރާކަމަށެވެ.
"މިހާރު ހުރި ޑޭޓާތަކަށް ބަލާއިރު، ދަނޑަށް ވަންނަ ސަޕޯރޓަރުންނަށް ސިއްޙީ ރައްކާތެރިކަމުގެ ޔަޤީންކަން ދެވޭކަށްނެތް. އެހެންނަމަވެސް މިޔަށް ބަދަލުތައް އައިސް އޮގަސްޓް މަހުގެ ފަހުކޮޅު ސަޕޯރޓަރުން ދަނޑަށް ވެއްދުމާއި ބެހޭގޮތުން މަޝްވަރާކުރެވޭނެކަމަށް އުންމީދުކުރަން." މިނިސްޓަރު ބުންޏެވެ.
އަދި މެދުކަނޑާލާފައިވާ އިޓަލީގެ ފުޓްބޯޅަ މުބަރާތްތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެންމެ އިސްކަމެއް ދެނީ ސިއްޙީ ރައްކާތެރިކަމަށްކަމަށްވެސް މިނިސްޓަރުވަނީ ބުނެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ އިޓާލިއަން ސީރިއާ ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ގައެވެ.
ކޮވިޑް-19 އާއި ގުޅިގެން އިޓާލިއަން ސީރީއާ ފަސްކޮށްފައިވާއިރު، ބައެއް ކްލަބުތައް 25 މެޗު އަދި އަނެއް ކްލަބުތައް 26 މެޗުވަނީ ކުޅެފައެވެ. 26 މެޗުން ލިބުނު 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި ޔުވެންޓަސް އޮތްއިރު، ދެވަނާގައި އޮތް ލާޒިއޯއަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. އެކްލަބުވެސްވަނީ 26 މެޗު ކުޅެފައެވެ.
މީގެއިތުރުން ސީރީއާ ފެށުމުގެ ކުރިން، ކޮޕާ އިޓާލިއާގެ ސެމީ ފައިނަލް ދެވަނަ ލެގުގެ މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރާ މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 12 ގައެވެ. މިމެޗުގެ ފުރަތަމަ ލެގުގެ މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.




