މެސީގެ ފުރަތަމަ ތަށި، ސަޕޯޓަރުންނަށް ބޮޑު ޢީދެއް!

ކޮޕާ އެމެރިކާ 2021 ގެ ފައިނަލުގައި ބްރެޒިލް ބަލިކޮށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ، އާޖެންޓީނާގެ ސީނިއާ ފުޓްބޯޅަ ޓީމާ އެކު ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

ބްރެޒިލްއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު އާޖެންޓީނާއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ އެންހެލް ޑި މާރިއާގެ ފަރާތުން ފެނިގެންދިޔަ ވަރަށް ހިތްގައިމު ލަނޑެކެވެ. ހީ ރޮޑްރިގޯ ޕައުލް ތަނަވަސްކޮށް ދިން ފުރުސަތެއްގައި ޑިމާރިއާ މި ލަނޑު ޖެހީ ކީޕަރ ބޯ މަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގައި ބްރެޒިލްގެ ފަރާތުން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އާޖެންޓީނާގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

ނަމަވެސް ދެވަނަ ހާފުގައި ބްރެޒލްގެ ރިޗާލްސަން ފޮނުވާލި ނުރައްކާތެރި ހަމަލާ ފާހަގަކޮށްލެވެއެވެ. މިހަމަލާ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނެޒް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗު ނިމެންދަނިކޮށް އާޖެންޓީނާއަށް ލީޑު ފުޅާކުރުމަށް ރަނުގެ ފުރުޞަތެއްވަނީ ލިބިގެން ގޮސްފައެވެ. ހުހަށް ހުރި މެސީއަށް ލިބުނު ބޯޅަ ބޭކާރުވެގެން ދިޔައީ ކީޕަރު އެޑާސަން ކައިރިން ނައްޓާ ނުލެވިގެންނެވެ.

މިމޮޅާއެކު އާޖެންޓީނާއަށް މިއަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރެވިފައިވާއިރު، މިއީ 1993 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ބޭއްވި ފަހުން އާޖެންޓީނާ އިން އެ މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން ސައުތު އެމެރިކާގެ ރަސްކަމަށް އާޖެންޓީނާއަށް މިއާދެވުނީ 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހުގައެވެ.

އާޖެންޓީނާގެ މިކާމިޔާބީ އެންމެ ޚާއްސަވަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަށެވެ. އުމުރުން 34 އަހަރުގެ މެސީ ގައުމީ ޓީމަށް ކުޅެން ފެށިތާ މިހާރު 15 އަހަރުވެފައިވާއިރު، މިއީ މެސީ އިންޓަނޭޝަނަލް ސީނިއާ ލެވަލްގައި ހޯދި ފުރަތަމަ ތައްޓެވެ. އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި މެސީވަނީ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ އޮލިމްޕިކްސްވެސް ކާމިޔާބުކޮށްފައެވެ.

 

އާޖެންޓީނާއާއެކު މެސީ މިފަހަރުގެ ކޮޕާ އެމެރިކާ ތަށި އުފުލާލާފައިވާއިރު، މީގެކުރިން ކޮޕާ އެމެރިކާ 3 ފައިނަލާއި ވޯލްޑްކަޕް ފައިނަލެއްގައިވެސް މެސީވަނީ ކުޅެފައެވެ. އެއީ 2007، 2015 އަދި 2016 ގެ ކޮޕާ އެމެރިކާއާއި 2014 ގެ ވޯލްޑްކަޕް ފައިނަލެވެ.

މިއީ އާޖެންޓީނާއިން ކޮޕަ އެމެރިކާ ކާމިޔާބުކުރި 15 ވަނަ ފަހަރެއެވެ. އަދި މޮޅާއެކު އާޖެންޓީނާ މިވަނީ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އުރުގުއޭގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ