ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރު މަޤާމުން އިސްތިއުފާ ދިނުމަށް ހުށަހަޅައިފިއެވެ.
މިނިސްޓަރު އާތިފާ އިސްތިއުފާ ހުށަހެޅުއްވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ސިއްހީ ހާލަތު ތަން ނުދޭތީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އެކަން އާތިފާ ވަަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މިއަދު އަންގަވާފައިވީނަމަވެސް، މަޢުލޫމާތު ލިބޭގޮތުގައި އެކަމަނާގެ އިސްތިއުފާ ސަރުކާރުން އިއުލާން ކުރައްވާނީ މާދަމާގެ ވަގުތެއްގައެވެ.
މިއީ މި ސަރުކާރުން އިސްތިއުފާ ދެއްވި ދެވަނަ ވަޒީރެވެ. އެގޮތުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ފަރާތުން އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އެވެ.
އާތިފާ ހައުސިން މިނިސްޓަރަކަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމްގެ ސްލޮޓެއްގައެވެ.
މިނިސްޓަރު އާތިފާ އިސްތިއުފާދެންވަން ނިންމާފައިމިވަނީ އެކަމަނާ މަގާމުން ދުރު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންނެވި މައްޗަންގޮޅީ މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ރިޔާޒް ވަނީ އިއްޔެ ރައީސް ނަޝީދަށް ސިޓީއެއް ވެސް ފޮނުވާފައި ވަނިކޮށެވެ.
އަދި އާތިފާ އިސްތިއުފާއަށް ހުށަހަޅުއްވާފައި މިވަނީ ހިޔާ މަޝްރޫގެ ފްލެޓުތަކުގެ މަސައްކަތް ނިމި އަންނަ ޖުލައި މަހުގެ ނިޔަލަށް ފްލެޓްތައް އޭގެ ހައްގުވެރީންނަށް ހަވާލު ކުރެވޭނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައި ވަނިކޮށް، އެއީ އޮޅިގެން މިނިސްޓަރަށް ވިދާޅުވެވުނު އެއްޗެއް ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ބަޔާނެއް ނެރުމާއި ގުޅިގެން ސަރުކާރަށާއި އެކަމަނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އާތިފާ ގެންދަވަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބޮޑު ބައްޔަކަށް ބޭސް ކުރައްވަމުންނެވެ.



