އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް | ފޮޓޯ: ރައީސް އޮފީސް

ޢާންމު ދިރިއުޅުމުގައި ބޭނުންކުރާތަކެތިން ޑިއުޓީ ކުޑަ ކުރުމަށް ހުށައަޅައިފި

ޢާންމު ދިރިއުޅުމުގައި ބޭނުންކުރާތަކެތިން ޑިއުޓީ ކުޑަ ކުރުމަށް ހުށައަޅައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިބިލު އެކުލަވާލުމުގައި، އިސްކަންދީފައިވާނީ، އެކި ސިނާޢަތްތަށް ފަށައި، ތަރައްޤީކުރުމަށް ބޭނުންވާ ތަކެއްޗާއި، ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިން ޑިއުޓީ ރޭޓު ކުޑަ ކުރުން ނުވަތަ ޑިއުޓީ ކަނޑާލުމަށް ކަމަށެވެ. އަދި ތިމާވެއްޓާއި، ޢާންމު ޞިއްޙަތަށް ގެއްލުންވާ ބައެއް ތަކެތިން ޑިއުޓީ ބޮޑުކުރުމަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި، މަސްވެރިކަން، އޮޑި ދޯނި ފަހަރާއި ބޯޓު ބަނުން، ޢިމާރާތްކުރުން އަދި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާނެ ކަމަށާއި، ތިމާވެއްޓަށް ގެއްލުންވާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން، ބައެއް ތަކެތިން ޑިއުޓީ ނެގުމަށްވެސް ހުށަހަޅާފައިވާނެއެވެ. މީގެ ތެރޭގައި، ޑްރިންކިންގ ސްޓްރޯ އަދި ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި، ޝީޓާއި، ޓިއުބުރޯލް އަދި ޕްލޭޓްސް އާއި ކަޓްލަރީސް ފަދަ ތަކެތި ހިމެނޭ ގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ހިމަނާފައިވާނެ ކަަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، 1 ޖެނުއަރީ 2021 އިން ފެށިގެން، ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުން މަނާކުރުމަށްވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

ކެއިން ބުއިމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން، ޞިއްޙަތަށް ގެއްލުންވާ ކަމަށް ބެލެވޭ ބައެއް ތަކެތިންވެސް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާނެއެވެ. މީގެ ތެރޭގައި، ސޮފްޓް ޑްރިންކްސް އަދި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކުގެ ޑިއުޓީ ރޭޓު ބޮޑުކުރުމަށް ހުށަހަޅާފައިވާނެއެވެ. ސޮސެޖާއި އެފަދަ ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކުންވެސް ޑިއުޓީ ނެގުމަށް ހުށަހަޅާފައިވެއެވެ.

ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް އަދި ސިނގިރޭޓާއި ބިޑި ހެދުމަށް ބޭންކުރާ ކަރުދާހާއި އިލެކްޓްރޯނިކް ސިގިރެޓާއި އަދި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ހިމެނޭ ގޮތަށް، ޑިއުޓީ ނެގުމަށްވެސް ހުށަހަޅާފައިވެއެވެ.

ކޮންޓްރޯލްކޮށްފައިވާ ތަކެތީގެ ތެރެއިން، ބަނގުރާ އެކުލެވޭ ބައެއް ބުއިންތަކުން، އެތެރެކުރާ މިންވަރަށް ރިޢާޔަތްކޮށް، ސްޕެސިފިކް ޑިއުޓީއެއް ނެގުމަށްވެސް ހުށަހަޅާފައިވެއެވެ.

މިހާރު ހުށަހަޅާފައިވާ ގޮތުން، ލުއިތަކެއް ސީދާ ލިބޭނެ ފަރާތްތަކުގެ ތެރޭގައި، އާންމު ރައްޔިތުންނާއި ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ހިމެނޭނެއެވެ. މިގޮތުން، ޙާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗެއްސާއި އިންޖީނުނުލާ ދުއްވާ އެއްޗެހި އަދި މި ތަކެތީގެ ބައިތައް އަދި އެފަދަ އެއްޗެހީގެ އިންޖީނު ހިމެނޭ ގޮތަށް ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވެއެވެ.

ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިންވެސް ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާނެއެވެ. މިގޮތުން، ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި، ޑޮމެސްޓިކް ދޮންނަ މެޝިން، ފެން ފިލްޓަރ ކުރުމަށާއި ސާފުކުރުމަށް ބޭނުންކުރެވޭ ގެވެހި ސާމާނު އަދި އިންވާރޓަރ އެއާރ ކޯންޑިޝަނަރ ހިމެނެއެވެ. އަދި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތިންވެސް ޑިއުޓީ ކަނޑާލަން ހުށަހަޅާފައިވެއެވެ.

ރާއްޖޭގައި ބޯޓުފަހަރު ބަނެ، ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން، ރާއްޖެއަށް ގެންނަ ބޯޓު ފަހަރާއި ފްލޯޓިންގ ސްޓްރަކްޗަރތަކުން ޑިއުޓީ ނެގުމަށް ހުށަހަޅާފައިވާނެއެވެ. އަދި، ފަސިންޖަރުން އުފުލުމަށް ޚާއްޞަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން ބޭނުންކޮށްފައިނުވާ ކާރު، ޖީޕް، ވޭންގެ ޑިއުޓީ ރޭޓު 0 އަށް ކުޑަކުރުމަށް، ފަސިންޖަރުން އުފުލުމަށް ޚާއްޞަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން، ބޭނުންކޮށްފައިހުންނަ ކާރު، ޖީޕް، ވޭން %300 އަށް ބޮޑު ކުރުމަށް ހުށަހަޅާފައިވެއެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މާލެސިޓީ ފިޔަވައި، ރަށުގެ ބޮޑުމިނާއި، ދަތުރު ފަތުރުކުރުމުގެ ވަސީލަތްތަކުގެ މުހިންމުކަމަށް ބަލައި، ވަކި ރަށްތަކެއް ކަނޑައަޅައި، ގެޒެޓުކުރުމަށްފަހު، އެފަދަ ރަށްތަކުގައި ބޭނުންކުރުމަށް ގެންނަ އެއްގަމުގައި ދުއްވާ އެއްޗެހިން ޑިއުޓީ މަޢާފުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށްވެސް ހުށަހަޅާފައިވެއެވެ.

އަދި، މުދާ  އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ޚިދުމަތް ދިނުން ފަސޭހަކުރުމަށްޓަކައި، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ބަދަލުގައި، ރެވެނިޔު ފީ އެއް ތަޢާރަފުކޮށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އަގުގެ، ކޮންމެ 100ރ. އަކުން 1ރ. ގެ މަގުން ރެވެނިޔު ފީއެއް ނެގުމަށްވެސް ހުށަހަޅާފައިވެއެވެ. މީގެ ކުރިން، ޑިއުޓީ ނަގަމުން އައީ، މުދަލުގެ ސީ.އައި.އެފް (ކޯސްޓް، އިންޝޫރަންސް އަދި ފްރެއިޓް) އަގުންނެވެ. ނަމަވެސް، މިހާރު ހުށަހަޅާފައިވާނީ، މުދަލުގެ އެފް.އޯ.ބީ (ފްރީ އޮން ބޯޑް) އަގުން ޑިއުޓީ ނެގުމަށެވެ. މިގޮތަށް ބަދަލުކުރުމުގެ މަޤްޞަދަކީ، ޑިއުޓީ ނެގުމުގައި ހަމައެކަނި މުދަލުގެ އަގަށް ރިޢާޔަތްކުރުމެވެ.

އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާހު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، އިކޮނޮމިކްމިނިސްޓްރީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެންނެވެ.

އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ހުށަހަޅަންޖެހޭ އިޞްލާޙުތަކުގެ މަސައްކަތްތައްވެސް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ