އެޑްވާންސަށް ފައިސާ ނަގައި ހިދުމަތް ނުދިން ރެސްޓޯރެންޓެއްގެ ވެރިން 1446 އަހަރަށް ޖަލަށް ލުމަށް ތައިލެންޑުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ތައިލެންޑުގެ ލައެމްގޭޓް ސީފުޑް ރެސްޓޯރެންޓުގެެ ދެވެރިން ކަމަށްވާ އަޕިޗާޓް ބޮވޯންބެންޗަރަކް އަދި ޕަރަޕަސޮން ބޮވޯންޕަންޗާގެ މައްޗަށް 1446 އަހަރުގެ ޖަލު ހުކުމް އިއްވައިފައިވަނީ، އެޑްވާންސަށް ފައިސާ ނަގައި އޮންލައިންކޮށް ހިނގި ޕުރޮމޯޝަނެއްގެ މައްސަލައިގައެވެ. ނަމަވެސް ތައިލޭންޑުގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މި ދެ މީހުން ޖަލުގައި ހޭދަ ކުރާނީ ގިނަވެގެން 20 އަހަރެވެ.
ލައެމްގޭޓް ސީފުޑް ރެސްޓޯރެންޓުން މިދިޔަ އަހަރު ހިނގި މިޕްރޮމޯޝަންގައި 20،000 ވުރެ ގިނަ މީހުން ބައިވެރިވެ 1.6 މިލިއަން ޑޮލަރުގެ ވައުޗަރު ގަނެފައި ވެއެވެ. ނަމަވެސް އެ ރެސްޓޯރެންޓަށް ޑިމާންޑާ އެއްވަރަށް ކަނޑުމަސް ނުލިބޭ ކަމަށް ބުނެ ވައުޗަރު ގަތްމީހުންނަށް ހިދުމަތް ދިނުންވަނީ ހުއްޓާލައިފައެވެ. އަދި މި ރެސްޓޯރެންޓުވެސްވަނީ މިދިޔަ އަހަރުގެ މާޗުމަހު ބަންދުކޮށްފައެވެ.
ރެސްޓޯރެންޓުގެ ހިދުމަތް ހުއްޓާލުމާއި ގުޅިގެން އެ ރެސްޓޯރެންޓަށް ގިނަ ބަޔަކު ޝަކުވާ ކޮށްފައި ވެއެވެ. މި ޝަކުވާ ކުރި މީހުންގެ ތެރެއިން ރެސްޓޯރެންޓުގެ ފަރާތުން އަލުން އަނބުރާ ފައިސާ ދައްކައިފައިވަނީ 375 މީހަކަށެވެ.
ރެސްޓޯރެންޓުގެ ވެރިންގެ މައްސަލަ ބަލަން ފަށައިފައިވަނީ އެތައް ސަތޭކަ ބަޔެއްގެ ޝަކުވާތަކާއި ގުޅިގެންނެވެ. ތައިލެންޑުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާ މީހުންނަށް ދިގުމުއްދަތަކުން ޖަލު ހުކުމް އައުމަކީ އާންމުކަމެކެވެ.



