ސްޓެލްކޯއިން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެކުންފުނީގެ ގިނަ މުވައްޒަފުންތަކަކާއެކު މުޙައްމަދު އަބޫބަކުރު (ބެންޖޯބެ) 60 ދުވަހު ހުޅުމާލެ އިންޖީނުގޭގައި ލޮކްޑައުންވެގެން ވަނީ މަސައްކަތް ކުރައްވާފައެވެ.
ބެންޖޯބެއަކީ ސްޓެލްކޯގެ ޓްރާންސް ޕޯޓް ޔުނިޓާ ހަވާލުވެ ހުރި ފަރާތެވެ. އެގޮތުން ބެންޖޯބެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެބޭފުޅާއާއި އެބޭފުޅާއާއެކު މަސައްކަތް ކުރައްވާ ޓީމް އެކޮޅުގައި ލޮކްޑައުންވެގެން އުޅޭތާ މިހާރު 60 ދުވަސް ވެއްޖެކަމަށާއި، ލޮކްޑައުންތެރޭގައި ކުންފުނީގެ ފަރާތުން ކުރަންޖެހޭ ހުރިހާ ދަތުރުތަކެއް ކުރަނީ އެބޭފުޅާގެ ބެލުމުގެ ދަށުން ކަމަށެވެ.
ލޮކްޑައުންގައި އެކޮޅުގައި 41 މުވައްޒަފަކު އުޅޭ ކަމުގައި ބެންޖޯބެ ވަނީ ވިދާޅުވެފައެވެ. ބެންޖޯބެގެ މަސައްކަތް ފާހަގަ ކުރައްވައި ސްޓެލްކޯއިން ވިދާޅުވެފައިވަނީ ރަށްރަށަށް ފޮނުވަންޖެހޭ ސާމާނާއި، ކުންފުނީގެ ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ލޮކްޑައުންގައި ތިބި މުވައްޒަފުންގެ ކެއުމާއި ނިދުމުގެ ހުރިހާ ޒިންމާއެއް ކުންފުނީގެ ވެރިންގެ އިރުޝާދުގެ ދަށުން ބެންޖޯބެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާފައިވާ ކަމަށެވެ.
ބެންޖޯބެ ވިދާޅުވެފައިވަނީ މުވައްޒަފުންވެސް މަސައްކަތް ކުރައްވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ކަމަށާއި ލޮކްޑައުންގައި ތިބި އެއްވެސް ބޭފުޅަކަށް ދަތި އެއްވެސް ކަމެއް ނެތްކަމަށެވެ.
"މިހާތަނަށް އެންމެ ނުރައްކާތެރި ދަތުރަކަށް ދެވުނީ ފަރުކޮޅު ފުއްޓަށް ކަރަންޓްގެ މައްސަލައެއް ދިމާވެގެން ކުރި ދަތުރު" ބެންޖޯބެގެ ތަޖުރިބާ ޙިއްސާ ކުރައްވަމުން ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ގިނަ ލުއިތަކެއް ދިންނަމަވެސް، އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ހިތްވަރާއިއެކު ޖެހިލުމެއްނެތި ޤައުމީ ޚިދުމަތުގައި އަމިއްލަ އާއިލާ ދޫކޮށް މަސައްކަތް ކޮށްފައިވާ އެއްވެސް ބޭފުޅަކީ އަޅުގަނޑުމެންގެ ހިތުން ފޮހެލައިގެން ވާނެ ފަރާތެއް ނޫނެވެ.




ހިޔާލު
މިދެން ހަބަރެއްތަ؟؟ މީނަ އެކަނި ވިއްޔަ މުޅި ސްޓެލްކޯ ހިންގީ.. ހިނި އަންނަނީ!!!!