އަވަށްޓެރި ސްރީލަންކާގައި އަނެއްކާވެސް މީސްމީޑިއާގެ ބައެއް ނެޓްވޯކްތަކާއި، މެސެޖިންގ އެޕްލިކޭޝަންތައް ބޮލޮކްކޮށްފިއެވެ.
މީސްމީޑިއާގެ ނެޓްވޯކްތައް ބޮްލޮކްކުރަން ސްރީލަންކާއިން މިއަދު ނިންމިއިރު، މިދިޔަ މަހުގެ 21 ގައި އެޤައުމަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ފޭސްބުކާއި ވަޓްސްއެޕާއި ޔޫޓިއުބް ފަދަ އެޕްތައް ބޭނުން ނުކުރެވޭ ގޮތް ހެދި ނަމަވެސް، ފަހުން އެ އެޕްތައް ބޭނުން ކުރެވޭ ގޮތް ހެދިއެވެ.
ލަންކާގެ އިންފޮމޭޝަން ޑިޕާޓްމެންޓުން ވިދާޅުވީ، މީސްމީޑިއާ ބްލޮކް ކުރަން ނިންމީ އިއްޔެ އެގައުމުގެ ޗިލޯގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި ކަމަށެވެ.
ފޭސްބުކުގައި އުފެދުނު ދެބަސްވުމަކާ ގުޅިގެން ޗިލޯގައި ފެށުނު އެހަމަނުޖެހުންތަކުގައި ބަޔަކު ވަނީ މިސްކިތްތަކަށާއި މުސްލިމުން ހިންގާ ފިހާރަތަކަށް ގާ އުކާ، ގެއްލުން ދީފައެވެ. އޭގެ ސަބަބުން "ފޭސްބުކުގައި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ" ވާހަކަ ދެއްކި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަވަށްޓެރި ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާގައި 250 އަށްވުރެ ގިނަ މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.