މިއަދު މާލެއަށް ކުރި ވިއްސާރައިގައި ކުޅިވަރު އެކުވެނީގެ ފުރާޅުން ބަޔެއް އެއްލާލައިފި

މިއަދު މާލެއަށް ކުރި ވިއްސާރައިގައި ކުޅިވަރު އެކުވެނީގެ ފުރާޅުން ބަޔެއް އެއްލާލައިފިއެވެ.

މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފު ދާދިދެންމެއަކު ކުރި ޓުވީޓެއްގައި މިކަންވަނީ ހާމަކުރައްވައިފައެވެ. އަދި ކުޅިވަރު އެކުވެނީގެ ފުރާޅު އެއްލާލާ މަންޒަރުގެ ވީޑިއޯވެސްވަނީ ހިއްސާކޮށްފައެވެ.

މިއަދަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަހެކެވެ. މިގޮތުން މޫސުމާބެހޭ ގައުމީ އިދާރާއިން 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، މެދުރާއްޖެ ތެރެއަށާއި އުތުރަށް ދާދިދެންމެއަކުވަނީ ޔެލޯ އެލާރޓްވެސް ނެރެފައެވެ.

މޫސުމާއި ގުޅިގެން ފުލުހުންވެސްވަނީ، މޫސުމަށް ސަމާލުވުމަށް އަންގައިފައެވެ. މިގޮތުން ގަދަވަޔާއެކު ފުރާޅުތައް މަތީގަޔާއި އަދި ބެލްކަނީތަކުގައި އެއްލާލަފާނެ ގޮތަށް ހުންނަ ތަކެތި އެތަންތަނުން ނަގައި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ. ކޮންމެ އަހަރެއްގެ ޖޫން، ޖުލައި ރާއްޖެއަށް ފާހަގަ ކޮށްލެވިގެންދަނީ މޫސުން ވަރަށް ގޯސް ދުވަސްކޮޅެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ