މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅި ތަކަކާއެކު ހުޅުމާލެއިން ބިދޭސީ އަކު ހައްޔަރުކޮށްފައިވާއިރު، މަސްތުވާތަކެތި އުފުލި ޓެކްސީގެ ޑްރައިވަރު ފިލައިފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ ދަންވަރު 03:52 ހާއިރު ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް، ހުޅުމާލޭ ފަޅުގައި އޮތް ޑިންގީއަކުން އެއްޗިހިތަކެއް ބާލައިގެން ޓެކްސީއަކަށް އަރުވައިގެން ދަނިކޮށް އެ ޓެކްސީ ހުއްޓުވައި ބަލައިފާސްކުރި އިރު 60 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
"މިއޮޕަރޭޝަންގައި، އެ ޓެކްސީގައި ތިބި ދެމީހުންގެ ތެރެއިން 39 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު ޓެކްސީ ދުއްވަން އިން ދިވެހި ޑްރައިވަރު ވަނީ ފިލާފައި." ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާ ހޯދިއިރު، އެކި ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ފުލުހުން ދަނީ އަތުލައިގަންނަމުންނެވެ.