ދިވެހިރާއްޖެއާއި، ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ދިމާވެފައިވާ ސަލާމަތީ ގޮންޖެހުންތަކުން އަރައިގަންނަން އެހީވާން ތައްޔާރަށް އޮތްކަމަށް އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެލެއިނާ ޓެޕްލިޓްޒް ވިދާޅުވެއްޖެއެވެ.
އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެލެއިނާ ޓެޕްލިޓްޒް މިހެން ވިދާޅުވެފައިވަނީ، މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
"ދިވެހިރާއްޖެއަށާއި ރާއްޖެ ހިމެނޭ ސަރަހައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެމެރިކާ ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ސަފީރު ޓެޕްލިޓްޒް ވިދާޅުވި." ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

ދިފާއީ ވަޒީރު މާރިޔާ ދީދީގެ އަރިހަށް އެލެއިނާ ޓެޕްލިޓްޒް ކުރެއްވި ޒިޔާރަތުގައި، މި ސަރުކާރުން އަދުގެ ސަލާމަތީ ވެށްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދެއްވަމުން ގެންދަވާ ޚާއްޞަ ސަމާލުކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދިފާއީ ވަޒީރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރުން އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލް މަތީން އަޙްމަދުވެސް ބައިވެރިވެވަޑިގެންނެވިއެވެ.
ސަލާމަތީ ގޮންޖެހުންތަކުން އަރައިގަންނަން ދިވެހިރާއްޖެއަށް އެހީތެރިވާ ތައްޔާރަށް އޮތްކަމަށް އެމެރިކާއިން ވިދާޅުވިއިރު، އެޤައުމުން ވަނީ ދިވެހިރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދީފާނެކަމަށްބުނެ ޓްރެވަލް އެޑްވައިޒަރީވެސް ނެރެފައެވެ.