ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުއާއި ދިމާލަށް ބާޣީ އަށް ގޮވުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގޮވާލެއްވުމުން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ފާޑު ވިދާޅުވެއްޖެއެވެ.
އެގޮތުން ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތް ކުރައްވައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ ޤައުމުގެ ރައްޔިތުންގެ މަޖްލިސް އަމިއްލަ ޕާޓީ ހަރުގެއަކަށް ބަދަލުކޮށް ޤައުމީ ޓީވީން ރުޅިވެރިކަން ލައިވްކުރާކަމަށެވެ.
"ވެރިކަން ނުލިބޭ އިރު ވެސް މަގުމަތިން ފޮށުން. ވެރިކަން ލިބުނީމަ ވެސް ފޮށުން. ތިންބާރު ލިބުނީމަ ވެސް ބިރު ދައްކައި ފޮށުން، އަބުރާ ބެހުން." ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ. ވަހީދުއާއި ދިމާލަށް ބާޣީއަށް ގޮވުމަށް މެންބަރު މޫސާ ސިރާޖެ ގޮވާލައްވާފައިވަނީ އެމަނިކުފާނަށް މަގުމަތިން ދިމާކުރި މައްސަލާގައި ދޮގުވާހަކަތަކެއް ފަތުރާފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވުމުންނެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ހުށައެޅުއްވި މި ކުއްލި މައްސަލާއަށް ވާހަކަފުޅު ދައްކަވަމުން މެންބަރު މޫސާ ސިރާޖް ވަނީ ޑރ. ވަޙީދު ކަސްރަތުކުރެއްވުމަށް އުސްފަސްގަނޑަށް ވަޑައިގަންނަވާނަމަ އެންމެން އެމަނިކުފާނާ ދިމާލަށް ބާޣީއަށް ގޮވުމަށް އެތަނަށް ދިއުމަށް ގޮވާލައްވާފައެވެ.
ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު އަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނައިބު ރައީސް ކަމަށް ވަޑައިގެންނެވި ބޭފުޅާއެވެ. ނަމަވެސް 2012 ފެބުރުވަރީ 7 ގައި އޭރުގެ ރައީސް، ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމާއި ގުޅިގެން ޑރ. ވަހީދު ވަނީ ވެރިކަމާއި ހަވާލުވެވަޑައިގެންފައެވެ.
އެމްޑީޕީއަށް ނސްބަތްވެވަޑައިގަންނަވާ ގިނަ ފަރާތްތަކަކުން ބުނަމުން އަންނަނީ ރައީސް ނާޝީދު އިސްތިޢުފާ ދެއްވާފައިވަނީ ޑރ. ވަހީދުވެސް އަޑީގައި ހުންނަވައިގެން ކުރެއްވި ބަޣާވާތަކުން ކަމަށެވެ.