މާލޭގައި މިއަދު ހަވީރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އަމީނީމަގު ފުރުގާން މިސްކިތް ކުރިމަތިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި، މިއެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.
ސައިކަލު ދުއްވަން އިން އެކަކުގެ ފަޔަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވީ ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ. ނަމަވެސް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ވީ ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ އެބަހުއްޓެވެ.
މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އާދިއްތަ ދުވަހު ވެސް ވަނީ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ވަރަށް ބޮޑަށް އަނިޔާވެފައެވެ.
ރަމަޟާން މަހާ ދިމާކޮށް މާލެއާ ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގުން މިވަނީ އިތުރުވެފައެވެ.




