ރިފާތް އަލް އަަސަދް

މަނީ ލޯންޑަރިންގެ ކުށުގައި ސީރިއާގެ ރައީސްގެ ބޮޑުބޭބޭފުޅު ޖަލަށް ލުމަށް ހުކުމް ކޮށްފި

މަނީ ލޯންޑަރިން ނުވަތަ ވަގު ފައިސާ ދޮވުމުގެ ކުށުގައި ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދުގެ ބޮޑުބޭބޭފުޅު ރިފާތް އަލް އަސަދު ހަތަރު އަހަރަށް ޖަލަށް ލުމަށް ފުރާންސުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ފުރާންސުގެ ޕެރިހުގައި ހުންނަ މި ކޯޓުން ރިފާތުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވަނީ ސީރިއާ ސަރުކާރުގެ ފައިސާ ބޭނުން ކޮށްގެން ފުރާންސުންނާއި އަދި އިނގިރޭސިވިލާތުން ގެދޮރު ގަނެފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

މިގޮތުން ރިފާތުވަނީ 90 މިލިއަން ޔޫރޯ ހަރަދުކޮށް ފުރާންސުން ގެޔާއި އަދި އޮފީސް އިމާރާތްތައް ގަނެފައެވެ. މީގެއިތުރުން އިނގިރޭސިވިލާތުން ރިފާތު ގަނެފައިވާ ތަންތަނުގެ އަގު 29 މިލިއަން ޔޫރޯއަށް އަރައެވެ.

އުމުރުން 82 އަހަރުގެ ރިފާތުވަނީ ކޯޓުގެ ހުކުމް ބަލައި ނުގަންނަކަމާއި މަނީ ލޯންޑަރިންގެ އަމަލެއް ނުހިންގަވާކަމަށް ވިދާޅުވެފައެވެ. ރިފާތުގެ ގާނޫނީ ވަކީލުވަނީ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ރިފާތު އަލް އަސަދަކީ 1970 އިން 1980ގެ އަހަރުތަކުގެ ތެރޭގައި ސީރިއާގައި ދެވަނައަށް އެންމެ ނުފޫޒާއި ބާރުގަދަ މީހާއެވެ. މިދުވަސްވަރު ރިފާތުވަނީ ސީރިއާގެ އަސްކަރީ ކޮމާންޑަރެއްގެ މަގާމު އަދާކޮށްފައެވެ. އަދި އެއިރު ވެރިކަމުގައި ހުންނެވި ރިފާތުގެ ބޭބެ ހާފިޒުގެ އެންމެ އަރިސް ބޭފުޅާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ