މާލެ ތޮއްޖެއްސުން ކުޑަކުރުމުގެ ނަމުގައި ގުޅީފަޅު ހިއްކާތީ އަލީ ހުސައިން ނުރުހުން ފާޅުކޮށްފި

މާލެ ތޮއްޖެއްސުން ކުޑަކުރުމުގެ ނަމުގައި ފަޅު ހިއްކާތީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ނުރުހުން ފާޅުކޮށްފިއެވެ.

އަލީ ޙުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފަޅު ހިއްކުމަށްފަހު، މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ދެން ހިއްކަން ފަށާނީ ފުށިދިއްގަރު ފަޅުތޯއެވެ.

ފަޅު ހިއްކައިގެން ހިންގާ ހަރަކާތްތަކާއ ދެކޮޅަށް އަބަދުވެސް ވާހަކަފުޅު ދައްކަވާ އަލީ ހުސައިން ވިދާޅުވީ "ބަރުމަރުކާ ފެނުއަޑިޔަށް ގޮސްފައިއޮތް ބައްތެއްޔެއްގެ ވަށައިގެން ކިތަންމެ ބޮއްކުރައަކަށް މީހުން އެރުވިޔަސް އެ ބައްތެއްޔެއް ދުވަހަކުވެސް ލުޔެއް ނުވާނެ" ކަމަށެވެ.

ގުޅީ ފަޅު ހިއްކުމަށް ބޭނުންވާ ވެލި އެހެން އަތޮޅުތަކުގެ އެތެރެވަރިންނާއި ބޭރުވަރިން ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ.

ގުޅީ ފަޅު ހިއްކުމުގައި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ވިދާޅުވެ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލަމުން ދާއިރު ރައްޔިތުންގެ މަޖިލީހަށް ވެސް މި މައްސަލަ ވަނީ ހުށައަޅާފައެވެ. ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން ފަޅުން ބައެއް ހިއްކުމަށް ކުރިޔަށް ގެންދާ މަޝްރޫއަކީ ސަރުކާރުން ބޮސްކާލިސް އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަސްރޫޢު އެކެވެ.

ގުޅީފަޅުގެ ޕްރޮޖެކްޓަކީ މުޙިންމު ތަރައްޤީގެ މަސައްކަތެއް ކަމަށާއި އެކަމުން ކުރާނެ ފައިދާތައްވެސް ގިނަ ކަމަށާއި ނަމަވެސް އެކަމުން އެތަނުގެ ފަރު ހަލާކުވުމުގެ ފުރުޞަތެއް ނުދެއްވޭނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

ރަށް ގިރުމާއި ތިމާވެއްޓާއި ގުޅުންހުރި ކަން ކަމުގައި އަލީ ހުސައިން ގެންދަވަނީ އަބަދުވެސް ހިޔާލު ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ