މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ށ.ފުނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ށ.ފުނަދޫގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ މީހެއް ކަމަށެވެ.
"މެއި 13 ވަނަ ދުވަހުގެ 00:45 ހާއިރު ހިންގި މިއޮޕަރޭޝަންގައި، މިމީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ކަރުދާސްކޮޅު ވަނީ ފެނިފައި." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއިރު، މިއަދު ވަނީ ހުޅުމާލެއިން 50 ފުޅި ބަނގުރާވެސް ފުލުހުން ހޯދާފައެވެ.