ތިމަރަފުށީގައި ހިނގާފައި ދަނިކޮށް އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް ލިބުނު ޒުލޭހާ އަބްދުލް ޣަނީ ނިޔާވެއްޖެއެވެ.
މިދިޔަ މާރޗް މަހުގެ 12 ވަަދުވަހު ތިމަރަފުށީގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 52އ މި އަންހެން މީހާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ސްރީލަންކާގައި ފަރުވާދެމުންދަނިކޮށް މިރޭ 1:20 ހާއިރުކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން، ވޭތުވެދިޔަ 62 ދުވަހު އެމީހާ އޮތީ ކޯމާއެއްގައިކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މިދިޔަ މަހު ހިނގި އެ އެކްސިޑެންޓުގައި ޒުލޭޚާގެ ބޮލުގެ ތިން ތަނަކުން ފަޅައިގެން ގޮސް މޭކަށިގަނޑަށް އަނިޔާވެފައި ވެއެވެ. އަދި ލިބުނު އަނިޔާގެ ސަބަބުން މާލެއަށް ގެންގޮސް އޭޑީކޭގައި ސިކުނޑީގެ އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައެވެ. އޭގެ ފަހުން ލަންކާއަށް ފުރުވާލާ، ލަންކާގައި ޒުލޭޚާގެ ސިކުނޑީގެ ދެ އޮޕަރޭޝަނެއް ކޮށްފައި ވެއެވެ.
މިދިޔަ މަހު 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒުލޭޚާ އެކްސިޑެންޓުވީ އޭނާ ތިމަރަފުށީ އެއާޕޯޓަށް ގޮސް އުޅެނިކޮށެވެ. ވޭނުން އޭނާގެ ގައިގައި ޖެހުނީ މަގުގެ އެއްފަރާތުން ހިނގާފައި ދަނިކޮށް ބާރު ސްޕީޑުގައި އައިސް ކޮންޓްރޯލް ނުވެގެންނެވެ.
މި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އެ ވޭން ދުއްވަން އިން މީހާގެ ލައިސަންސްވެސް ދެ އަހަރު ދުވަހަށް ހިފަހައްޓާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ކުރުމަށްފަހު ތ.އަތޮޅުހައި ހުންނަ ޕީޖީ އޮފީހުގެ ގޮތްޕާ ހަވާލުކޮށްފައިވާއިރު، މި މައްސަލައިގެ ދަޢުވާކުރުމުގެ ބައި މިހާރު ކުރިއަށްދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ،