ހައިޑަވޭން ކުޅުދުއްފުއްޓަށް ގެނައި މީހާ ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެއެވެ.
ހައިޑަވޭ ރިސޯޓްގައި ކަރަންޓީނުގައި ހުރި އަންހެނަކު ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް (ކޭއާރުއެޗް) ގެނެސް ފަރުވާދޭން ފަށާފައިވަނީ މި މަހު 16 ވަނަ ދުވަހުގެ ދަންވަރުއެވެ. އުމުރުން 54 އަހަރުގެ މި އަންހެން މީހާ ކޭއާރުއެޗަށް ގެނެސްފައިވަނީ ނޭވަޔަށް އުނދަގޫވާތީއެވެ. އަދި އެ މީހާ އެޑްމިންޓްކޮށް ފަރުވާދެމުންދީފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސޮލޭޝަން ރޫމްގައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާރވިސަސް އަޙްމަދު ދާއޫދުއާއި ޙަވާލާދީ، ކުޅުދުއްފުށީ އޮންލައިގައި ބުނެފައިވަނީ އެހޮސްޕިޓަލަށް ގެނައި އެއަންހެން މީހާ ކޮވިޑަށް ޓެސްޓްކޮށް އެ މީހާގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ.
އަދި އޭނާގެ ހާލު މިހާރު މަޑުމަޑުން ރަނގަޅުވަމުންދާކަމަށްވެސް އަޙްމަދު ދާއޫދު ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަަދަދު 2150 އަށް އަރާފައިވާއިރު، މިބަލިން 1769 މީހަކުވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި ރާއްޖެއިން 8 މީހަކު ނިޔާވެފައިވެއެވެ.



