އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕުގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑުވައިޒަރ ޖޯން ބޮލްޓަން ލިޔުއްވާފައިވާ ފޮތް ނެރުން ހުއްޓުވުމަށް ޓުރަމްޕް ކުރެއްވި މަސައްކަތްޕުޅުތައް ނާކާމިޔާބު ވެއްޖެއެވެ.
މި މަސައްކަތްޕުޅުތައް ނާކާމިޔާބުވެފައިވަނީ ފޮތް ނެރުއްވުން ހުއްޓުވައިދެއްވުން އެދި ޓުރަމްޕުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން އެފަދަ އަމުރެއް ނެރެދެވެން ނެއްކަމަށް ވިދާޅުވުމުންނެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބެނެފައިވަނީ އަންނަ އަންގާރަ ދުވަހު ވިއްކުމަށް ހަމަޖެހިފައިވާ ބޮލްޓަންގެ "ދަ ރޫމް ވެއަރ އިޓް ހެޕަންޑް" ނަމަކަށް ކިޔާ ފޮތް ބާޒާރަށް ނެރެން އުޅެނީ އޭގައިވާ މައުލޫމާތުތައް ރަނގަޅަށް ޔަގީން ނުކުރެވި ވަނިކޮށް ކަމަށެވެ. އަދި މިފޮތުގެ ސަބަބުން އެމެރިކާ އަށް ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށެވެ.
ޖަސްޓިސް ޑިޕާޓްމެންޓުގެ މި ދައުވާއާއި ގުޅިގެން ކޯޓުން ބުނެފައިވަނީ، މި ފޮތް ނެރުން ހުއްޓުވަން އެކަށީގެންވާ ސަބަބުތަކެއް ދެއްކިފައި ނުވާކަމަށެވެ. އަދި މިހާރުވެސް މިފޮތުގެ ބަޔެއް ބައިތައް އާންމުވެފައިވާ ކަމަށެވެ.
މި ފޮތާއި ގުޅިގެން ޓުރަމްޕް ވިދާޅުވެފައިވަނީ ފޮތް އެކުލެވިގެންވަނީ ދޮގާއި، ހަގީގަތެއްނެތް ވާހަކަތަކުން ކަމަށެވެ.




