މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގައި ހިމެނޭ ސަރުކާރުގެ އިސްވެރިންގެ މައްސަލަ ނުބަލަން ނުނިންމާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.
އެއޮފީހުން މިހެން ވިދާޅުވެފައިވަނީ "އެމްއެމްޕީޢާރސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ނުބަލަން ނިންމައިފި” މިނަމުގައި ދިޔަރެސްގައި ޝާއިޢުކޮށްފައިވާ ލިޔުމަކާއި ގުޅިގެންނެވެ.
އެގޮތުން އެއޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މިއަދުގެ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބަލުން ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީލް، އެ މައްސަލާގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވާކަމަށް" އޮތް ލިޔުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކައެއްކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ޤާނޫނުތައް ތަރުތީބުވެފައިވާ ގޮތުން، ތަޙްޤީޤީ އިދާރާތަކަކީ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ހަމަތަކާއި އެއްގޮތަށް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ތަޙްޤީޤްކުރުމުގެ ބާރު ލިބިދީފައިވާ އިދާރާތަކެއްކަމަށް މިބަޔާނުގައި ވާއިރު، ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމާމެދު ގޮތް ނިންމުމާއި، ތަޙްޤީޤް ނުކުރުމަށް ނިންމުން ފަދަ ނިންމުންތަކަކީ ތަޙްޤީޤީ އިދާރާތަކުގެ ބާރުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަންކަމަށާއި، އެއީ ޕްރޮސިކިއުޓަރ ޖެނެރަލް ކުރައްވާ ކަމެއް ނޫންކަމަށްވެސް މިބަޔާނުގައި ވެއެވެ.
"އެމް އެމް ޕީއާރސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އެއްވެސް މީހެއްގެބައި ތަޙްޤީޤް ނުކުރުމަށް، ނުވަތަ އެ މައްސަލައާ ގުޅުންހުރި އެއްވެސް މީހެއްގެ މައްސަލައެއް މި އޮފީހަށް ބަލައި ނުގަތުމަށް، ނުވަތަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެއްވެސް އިރަކު، އެއްވެސް މީހަކަށް ނުވަތަ އިދާރާއަކަށްވިޔަސް އަންގަވާފައެއް ނުވަތަ އިރުޝާދު ދެއްވާފައެއް ނުވެއެވެ. މިހާތަނަށް، އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ހުށަހެޅި އެއްވެސް މައްސަލައެއްގައި މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ ނުކުރަން ނިންމާފައެއްވެސް ނުވެއެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން އެއޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ އެންމެހައި ނިންމުންތަކާއި، މައްސަލަތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާ އިރުޝާދުތަކަކީ ލިޔުމުން ފެންނަންހުންނާނެ ކަންކަންކަމަށާއި، އެފަދަ ކަމެއް އޮތްނަމަ، އެކަމެއް އޮންނާނީ ލިޔުމުން ސޮއިކޮށްފައިކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
އަދި ދިޔަރެސް ވެބްސައިޓުގައި އޮތް ލިޔުމަކީ، ޕްރޮސިކިޢުޓަރ ޖެނެރަލްއާއި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ދިވެހިރައްޔިތުންކުރާ އިތުބާރު ގެއްލޭގޮތަށް، ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ޝާއިޢުކޮށްފައިވާ ލިޔުމަކަށްވާތީ، އެމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ނިންމާފައިވާކަމަށްވެސް ފީޖީގެ މިބަޔާނުގައި ވެއެވެ.




