ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގިރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިގޮތަށް އަންގާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އާ އާންމު ޙާލަތަށް ރުޖޫޢަވުމަށް ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިބަލި ފެތުރުން މަދުކުރުމަށްޓަކާ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްޓަކައި ތަޢާރަފްކޮށްފައިވާ ޢުޞޫލްގެ ދަށުންނެވެ.
އެގޮތުން މަސައްކަތު މާހައުލުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މުވައްޒަފުންނަށް ރަގަޅަށް ބަޔާންކޮށްދީ، މުވައްޒަފުންނަށް ފެންނަ ގޮތަށް ލިޔެފައި ބަހެއްޓުމާއި، ތަނަށް ޒިޔާރަތް ކުރާފަރާތްތަކާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ފެންނަގޮތަށް ބެހެއްޓުމުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު އެތަނުގައި ހަމަޖެހިފައި ހުންނަންވާނެކަމަށް މިޢުޞޫލްގައި ވެއެވެ.
އަދި އަތްދޮވުމަށް ސައިބޯނި ފަދަ ތަކެތި މެދުނުކެނޑި ލިބެން ހުންނަންޖެހޭއިރު، ކޯވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގިރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިޢުމާލު ކުރުން މިޢުޞޫލްގެ ދަށުންވަނީ މަނާކޮށްފައެވެ.
މީގެއިތުރުން މުވައްޒަފުގެ ޞިއްޙަތާއި އަމިއްލަ ރައްކާތެރިކަމަށްޓަކައި ކޮވިޑް-19 ގެ ޢަލާމާތެއް ހުރިނަމަ ނުވަތަ ރޯގާޖެހި ކެއްސާނަމަ މަސައްކަތަށް ނުނިކުތުމާއި، އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުން މަސައްކަތަށް ނުނެރުމަށްވެސް މިޢުޞޫލްގައިވެއެވެ.
އަދި އެކަހެރިވެހުރެ ސުޕަވައިޒަރަށް އަދި ކަމާބެހޭ ފަރާތަށް އަންގާ މަޢުލޫމާތު ދިނުމަށާއި، މަސައްކަތުގެ ހުރިހާ ވަގުތެއްގައި މުވައްޒަފުން، ސާފުތާހިރު ހެދުމެއްގައި ސާފުތާހިރުކޮށް ތިބުމުގެ އިތުރުން ކޮވިޑް-19 ފެތުރުން ކުޑަކުރުމަށް އަބަދުވެސް މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުމަށްވެސް އެޗްޕީއޭއިންވަނީ އަންގާފައެވެ.
މީގެއިތުރުން ތަނުގައި މަސައްކަތްކުރާ އެންމެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އަޅައިގެން ތިބުމަށާއި އަދި މާސްކް ބޭނުންކުރުމުގައި އުސޫލުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށްވެސް އެޗްޕީއޭގެ ޢުޞޫލްގައި ބަޔާންކޮށްފައިވެއެވެ.




