2019 ވަނަ އަހަރުގެ އޮކްޓޯބަރ/ނޮވެންބަރ ގައި އޯލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ވިދާޅުވީ، 2019 ވަނަ އަހަރުގެ އޮކްޓޯބަރ/ނޮވެންބަރ ގައި އޯލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް މިހާރުވަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއަށް ލިބިފައިވާކަމަށެވެ.
އަދި އެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް އެމިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.
2019 ވަނަ އަހަރުގެ އޮކްޓޯބަރ/ނޮވެންބަރ ގައި އޯލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް މިހާރުވަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއަށް ލިބިފައި.
އެހެންކަމުން އެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ވާހަކަ ދަންނަވާލަން.— Ministry of Education (@MoEdumv) June 22, 2020
އަދި ސްކޫލްތަކަށް އޯލެވެލް ސެޓްފިކޭޓް ލިބުނުހާ އަވަހަށް ދަރިވަރުންނަށް ދޫކުރުމުގެ މަސައްކަތް ހަމަޖެހިގެން ދާނެ ކަމަށްވެސް މިނިސްޓްރީއިން ވިދާޅުވިއެވެ. އެޑިޔުކޭޝަނުން ކުރިން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ، ސެޓްފިކެޓްތައް ލިބުމުގައި ލަސްތައް ދިމާވެފައި ވަނީ އެ މަރުހަލާ ނިމި ސެޓްފިކެޓްތައް ފޮނުވުމާއި ހަމައަށް އައިއިރު ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުންކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީއިން ވިދާޅުވީ، މިދިޔަ އަހަރު އޮކްޓޯބަރު/ނޮވެމްބަރު މަހުގައި އޭލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ސެޓްފިކޭޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި ބައެއް ސްކޫލްތަކަށް މިހާރުވެސް ސެޓްފިކެޓް ލިބިފައިވާ ކަމަށެވެ. އަދި މިސެޓްފިކެޓްތަކާއި ގުޅިގެން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ އިމްތިހާނުތަކުގެ ސެޓްފިކެޓްތަކަކީ ކެމްބްރިޖް އާއި އެޑެކްސަލްއިން ޕްރިންޓްކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށާއި ސެޓްފިކެޓްތައް ޕްރިންޓް ކުރާނީ ރީޗެކް މަރުހަލާ ނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުން ކަމަށެވެ.
އަދި ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަކަށް އެދި ހުށަހަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ކަމަށްވެސް އެޑިއުކޭޝަންއިން ވިދާޅުވިއެވެ.



