55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށެވެ. މިރޭގެ 21:10 ން ދަންވަރު 00:00 އަށް ނެރެފައިވާ މިޔެލޯ އެލާރޓްގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި، 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް ބުނެފައެވެ.
އަދި ވިލާގަނޑުގަޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށާއި، މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
Yellow Alert for Heavy rain and thunderstorms with strong winds of 25 - 30 mph, gusts of 55 mph and rough seas pic.twitter.com/7AqYrYF1OT
— Maldives Meteorology (@MetMaldives) June 25, 2020
ކުރިއަށްއޮތް ގަޑިތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ. އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.




