ސައްހަ ނޫން ޕައިލެޓުކަމުގެ ލައިސެންސް ގެންގުޅޭ ކަމުގެ ތުހުމަތުގައި ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިން (ޕީއައިއޭ) އިން 150 ޕައިލެޓަކަށް ފިޔަވަޅު އަޅައިފިއެވެ.
މިގޮތުން އެ އެއާލައިނުންވަނީ މި 150 ޕައިލެޓުން މަތިންދާބޯޓު ދެއްވުން މަނާކޮށް އެމީހުންގެ މައްސަލަ ބަލަން ފަށައިފައެވެ. އަދި މިފަދަ އެހެން ބަޔަކު ޕައިލެޓުންގެ ތެރޭގައި ތިބިތޯވެސް މިހާރު އަންނަނީ އެ އެއާލައިނުން ބަލަމުންނެވެ.
ޕީއައިއޭގެ ތަރުޖަމާނަކު އޭއެފްޕީ ނިއުސް އެޖެންސީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ އެއާލައިނުން ކުރި ތަހުގީގަކުން އެ އެއާލައިންގެ 434 ޕައިލެޓުންގެ ތެރެއިން 150 ޕައިލެޓުގެ އަތުގައި އޮތް ޕައިލެޓުކަމުގެ ލައިސެންސަކީ ސައްހަނޫން ލައިސެންސެއްކަން އިނގިފައިވާ ކަމަށެވެ. އަދި މިހާރު މި ޕައިލެޓުންގެ އުދުހުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓަރ ގުލާމް ސަރްވާރް ހާން މިދިޔަ ބުދަދުވަހު އެގައުމުގެ ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުންވެސްވަނީ އެގައުމުގެ އެއާލައިންތަކުގައި މަސައްކަތްކުރާ ގިނަ ޕައިލެޓުންގެ އަތުގައި އޮތް ލައިސެންސު ތަކަކީ ސައްހަނޫން ލައިސެންސު ތަކެއް ކަމަށް ބުނެފައެވެ.
ޕާކިސްތާނުގެ އެއާލައިންތަކުގައި މަސައްކަތްކުރާ ޕައިލެޓުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފައި މިވަނީ ޕައިލެޓުންގެ ކުށުން މަތިންދާ ބޯޓުތައް ވެއްޓު ހިތާމަވެރި ހާދިސާތައް ހިނގަމުންދާ މައްސަލައިގައެވެ. މިގޮތުން މިދިޔަމަހުވެސް ޕައިލެޓުގެ ކުށުންނާއި އަދި އެއާޓުރެފިކް ކޮންޓުރޯލާގެ ކުށުން ވެއްޓުނު ޕީއައިއޭގެ ބޯޓުން ދަތުރުކުރި 97 މީހަކުވަނީ މަރުވެފައެވެ.





ހިޔާލު
ފޭކު އެއްޗެހިންވެސް އުދުހެވޭ ދޯ