އޮސްޓުރޭލިއާގެ އިރު ދެކުނު ވިކްޓޯރިއާ ސުޓޭޓުގައި ކޮވިޑް-19 ފެތުރުން އިތުރުވާން ފެށުމާއެކު އެބަލި ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި އެގައުމުގެ 1،000 ސިފައިން އެ ސުޓޭޓަށް ފޮނުވައިފިއެވެ.
އޮސްޓުރޭލިއާ ސިފައިން އެގައުމުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ވިކްޓޯރިއާ ސުޓޭޓަށް ފޮނުވައިފައިވަނީ އެ ސުޓޭޓުގެ އެތޯރިޓީތަކަށް އެހީވެ ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައެވެ. ފާއިތުވެ ދުވަސްތަކުގައި ވިކްޓޯރިއާ ސުޓޭޓުގައިވަނީ ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރެން ފަށައިފައެވެ.
ކޮވިޑް-19 ކޮންޓުރޯލް ކުރުމުގައި އޮސްޓުރޭލިއާއިން މިހާތަނަށްވަނީ ލާމަސީލު ނަމޫނާއެއް މުޅި ދުނިޔެއަށް ދައްކައިފައެވެ. މިގޮތުން އެގައުމުން ކޮވިޑް-19 ފެނުމާއެކުވަނީ އެބަލި ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅައިފައެވެ. ފާއިތުވެދިޔަ ހަފްތާތަކުގައި މިބަލި މުޖުތަމައުގެ ތެރޭގައި ފެތުރޭކަމަށް ރިކޯޑު ކުރެވިފައިވަނީ ވިކްޓޯރިއާ ސުޓޭޓުގެ ވެރިރަށް މެލްބަންގައި އެކަންޏެވެ.
ވިކްޓޯރިއާ ސުޓޭޓުން މިހާރުވަނީ އެ ސުޓޭޓުގައި މިބަލި ކޮންޓުރޯލް ނުވާނެ މިންވަރަށް ފެތުރުމުގެ ކުރިން ގިނަ އަދަދެއްގެ ބަޔަކު މިބައްޔަށް ޓެސްޓުކޮށް ކަރަންޓީން ކުރުމުގެ މަސައްކަތް ފަށައިފައެވެ. މިގޮތުން އެ ސުޓޭޓުގެ އޮތޯރިޓީތަކުން އަންނަނީ 10 ދުވަހުގެ ތެރޭގައި 100،000 ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް އޮސްޓުރޭލިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 7،558 މީހުންނެވެ. އަދި މިބަލީގައި މިހާތަނަށް މަރުވެފައިވަނީ 104 މީހުންނެވެ.



