ކެންޔާގައި ކުރިއަށްދިޔަ ސައިކަލް ޓެކްސީ ކުރާމީހުންގެ މުޒާހަރާއަކަށް ފުލުހުން ހަމަލާދިނުމުގެ ސަބަބުން ތިންމީހުން މަރުވެއްޖެއެވެ.
މިހާދިސާ ހިނގައިފައިވަނީ ކެންޔާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ލެސޮސްގައެވެ. ސައިކަލް ޓެކްސީކުރާ މީހުން މުޒާހަރާކޮށްފައިވަނީ އެމީހުންގެ ތެރެއިން ޓެކްސީ ޑުރައިވަރެއް ފުލުހުން ހައްޔަރުކުރި މައްސަލައިގައެވެ.
މައުލޫމާތު ލިބޭގޮތުގައި ކެންޔާގެ ފުލުހުން މިމީހާ ހައްޔަރުކޮށްފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެގައުމުން އަޅައިފައިވާ ފިޔަވަޅުތަކަކާއި ހިލާފުވި މައްސަލައިގައެވެ. ކޮވިޑް-19 އާއި ގުޅިގެން ކެންޔާއިން އަޅައިފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި އެގައުމުގެ ފުލުހުން އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ބާރުގެ ބޭނުންކުރާ ކަމުގެ ތުހުމަތުތައްދަނީ ކުރެވެމުންނެވެ.
މުޒާހަރާއާއި ގުޅިގެން ފުލުހުންދިން ހަމަލާގައި މަރުވި ތިންމީހުންގެ މައްސަލައިގައި ކެންޔާގެ ފުލުހުންގެ އިދާރާއިން މިހާރުވަނީ މިމައްސަލައާއި ގުޅުންހުރި މީހުން ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި މާރޗުމަހުގެ ފަހުކޮޅުން ފަށައިގެން ކެންޔާގައިވަނީ ކާފިއު އިއުލާން ކޮށްފައެވެ. ކެންޔާ ޕޮލިސް ވޮޗްޑޯގުން މައުލޫމާތު ދޭގޮތުގައި މި ކާރފިއު ދެމެހެއްޓުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މިހާތަނަށް 15 މީހަކުވަނީ މަރުވެފައެވެ. މިމައްސަލަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މިހާތަނަށް ކެންޔާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 5،384 މީހުންނެވެ. އަދި މިބަލީގައި އެގައުމުންވަނީ 132 މީހުން މަރުވެފައެވެ.




