ކެންޔާގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއަކާއި ގުޅިގެން ދެ ފުލުހުން ހައްޔަރު ކޮށްފި

ކެންޔާގެ ގަރިއްސާ ކައުންޓީގެ އިރުމަތީ ސަރަހައްދެއްގެ ބާޒާރުމަތީގައި ފުލުހުން ބަޑިން ހަމަލާދިނުމުގެ ސަބަބުން ދެ މީހަކު މަރުވުމާއި ގުޅިގެން އެމައްސަލައާއި ގުޅުންހުރި ދެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބަޑިން ހަމަލާދީފައިވަނީ މީހަކު މެރިކަމުގެ ކުށުގައި ހައްޔަރުކުރި މީހަކު މިނިވަން ކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއް ކޮންޓުރޯލް ކުރަން އުޅުމުގެ ތެރޭގައެވެ. ކެންޔާގެ ފުލުހުން މިހާރުވަނީ މިހާދިސާ ތަހުގީގު ކުރަން ފަށައިފައެވެ.

ކެންޔާގެ ފުލުހުން މުޒާހަރާތަކުގައާއި އަދި އެނޫންވެސް ހާލަތް ތަކުގައި އެންމެ އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުން ކުރާ ކަމުގެ ޝަކުވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އަންނަނީ އުފުލަމުންނެވެ. ހާއްސަކޮށް ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އެގައުމުން އަޅައިފައިވާ ފިޔަވަޅުތައް ތަންފީޒް ކުރުމުގައި މިފަހުން ފުލުހުން އަމަލު ކޮށްފައިވާ ގޮތާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަންނަނީ އަމާޒު ވަމުންނެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްގެ ރިޕޯޓްތައް ބުނާގޮތުން، ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް ކެންޔާގެ ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކަށް ބޯނުލެބި 21 މީހަކު މާރޗްމަހުން ފެށިގެން މިއަދާއި ހަމައަށްވަނީ މަރާލައިފައެވެ.

މިމަހުގެ ކުރީކޮޅު ކެންޔާގެ ވެރިރަށް ނައިރޯބީގައި ކުރިއަށްދިނަ މުޒާހަރާއެއް ކޮންޓުރޯލް ކުރުމަށްޓަކައިވެސް ފުލުހުންވަނީ ކަރުނަގޭސް ބޭނުންކޮށް އެތައް ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް މިއަހަރުގެ ކުރީކޮޅު ގިނަ ގައުމުތަކުން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިނުދީ ދިގުލާން ފެށުމާއި ގުޅިގެން ގިނަ އިޖުތިމާއީ މައްސަލަތަކާއި އަދި ސިޔާސީ ހަމަނުޖެހުންތަކާއި އެގައުމުތައްވަނީ ކުރިމަތިލާން ޖެހިފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ