ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު | ފޮޓޯ: މިހާރު

ރާއްޖޭގައި ހިނގަނީ ދިވެހިންގެ ވެރިކަން ނޫންކަން ކަށަވަރު ވެއްޖެ: ޝުޖާއު

ދިވެހިރާއްޖޭގައި ހިނގަނީ ދިވެހިންގެ ވެރިކަން ނޫންކަން ކަށަވަރު ވެއްޖެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ޝުޖާއު މިހެން ވިދާޅުވެފައި ވަނީ، މާލޭ މަގުމަތީގައި މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަ ކުރި ބިދޭސީ މީހާ ދޫކޮށްލުމާއި ގުޅިގެންނެވެ.

މި މީހާ ހައްޔަރު ކޮށްފައިވަނީ އޮކްޓޫބަރު 2 ވަނަ ދުވަހުގެ ރެއެވެ. މި ހަދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ވީޑިއޯ އިން އޭނާ ދީނަށް ފުރައްސާރަކޮށް އަޑުގަދަކުރާ މަންޒަރު ފެނިގެންދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހަކީ އަވައްޓެރި އިންޑިޔާ އަށް ނިސްބަތްވާ މީހެކެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މިމީހާ ވަނީ ދީނަށް ފުރައްސާރަކޮށް ރާއްޖޭގެ ކޯޓްތަށް އެމީހާގެ މުށުތެރޭގައި ވާކަމަށް ބުނެ އެސަރަހައްދުގައި ތިބި މީހުނަށް އިންޒާރުދީ ބިރު ދައްކާފައެވެ. މި މީހާ ދީނަށް ފުރައްސާރަ ކުރަމުންދިޔަ އިރުވެސް ފުލުހުން އެމަންޒަރު ބެލުމަށް އެސަރަހައްދުގައި ތިބި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ޝޫޖާއު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސްތުގެ ހާލަތުގައި ހުރި މީހާ ދޫކޮށްލުމުން ރާއްޖޭގައި ހިނގަނީ ދިވެހިންގެ ވެރިކަމެއް ނޫންކަން ކަށަވަރު ވެއްޖެކަމަށެވެ.

ފުލުހުން ވިދާޅުވީ، މަސްތުގެހާލަތުގައި އުޅުނު ބިދޭސީ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކޯޓުންވަނީ އޭނާ ދޫކޮށްލާފައިވާކަމަށެވެ. އަދި މިމީހާގެ މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ފުލުހުން ތަޙުޤީޤުކުރަމުން ގެންދަނީ އެމީހާ އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަކަމެއް ނުވަތަ މަސްތުވާތަކެތީގެ މައްސަލަކަމެއް ނުވަތަ މިދެމައްސަލަކަމަށްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަދި މިމީހާ ޙައްޔަރުކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކުދަނީ އެކަމާ ފާޑު ކިޔަމުންނެވެ. އެގޮތުން ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރާ ޢަލީ ރަމީޒުވަނީ ފުލުހުން އަނގަނަގައިގެން އެތިބެނީ ކޮންހިސާބަކުން ކޮން އޯޑަރެއް އަންނަންދެންތޯ ސުވާލު ކުރައްވާފައެވެ. އަދި ބަނގުރާ ބޮއިގެން ދީނަށް ފުރައްސާރަކޮށް، ރާއްޖޭގެ ޤާނޫނަށް އޭތި މީތި ގޮވާ އިރު މި އިންޑިއާ ޝައިޠާނުގައިގައި އަތްލުން މަނަލީތޯވެސް އަލީ ރަމީޒު ސުވާލު ކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ