ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު | ފޮޓޯ: ވަގުތު

މިއީ ރާއްޖޭގެ ތާރީހު ދުއް އެންމެ ހުތުރު ވެރިކަން: ޝުޖާއު

މިއީ ދިވެހިރާއްޖޭގެ ތާރީހު ދުއް އެންމެ ހުތުރު ވެރިކަން ކަމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ޝުޖާއު މިހެން ވިދާޅުވެފައި ވަނީ، މާލޭ މަގުމަތީގައި މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަ ކުރި ބިދޭސީ މީހާ ދޫކޮށްލުމާއި ގުޅިގެންނެވެ.

މި މީހާ ހައްޔަރު ކޮށްފައިވަނީ އޮކްޓޫބަރު 2 ވަނަ ދުވަހުގެ ރެއެވެ. މި ހަދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ވީޑިއޯ އިން އޭނާ ދީނަށް ފުރައްސާރަކޮށް އަޑުގަދަކުރާ މަންޒަރު ފެނިގެންދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހަކީ އަވައްޓެރި އިންޑިޔާ އަށް ނިސްބަތްވާ މީހެކެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މިމީހާ ވަނީ ދީނަށް ފުރައްސާރަކޮށް ރާއްޖޭގެ ކޯޓްތަށް އެމީހާގެ މުށުތެރޭގައި ވާކަމަށް ބުނެ އެސަރަހައްދުގައި ތިބި މީހުނަށް އިންޒާރުދީ ބިރު ދައްކާފައެވެ. މި މީހާ ދީނަށް ފުރައްސާރަ ކުރަމުންދިޔަ އިރުވެސް ފުލުހުން އެމަންޒަރު ބެލުމަށް އެސަރަހައްދުގައި ތިބި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ޝޫޖާއު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޅި ސިސްޓަމް ކޮރަޕްޓްކޮށް ރައްޔިތުންނަށް ހެޔޮ ވެރިކަން ކޮށްދޭން ވަޑައިގެންނެވި ސަރުކާރުން މިވީ ޕަޕެޓަކަށް ކަމަށެވެ.

"ލާދީނީ ވެއްޖެތާ. ސަރުކާރުން ދޭނީ ހިތްވަރު. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީ. މިއީ ރާއްޖޭގެ ތާރީހު ދުއް އެންމެ ހުތުރު ވެރިކަން" ޝުޖާއު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުގެހާލަތުގައި އުޅުނު ބިދޭސީ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކޯޓުންވަނީ އޭނާ ދޫކޮށްލާފައިވާކަމަށެވެ. އަދި މިމީހާގެ މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ފުލުހުން ތަޙުޤީޤުކުރަމުން ގެންދަނީ އެމީހާ އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަކަމެއް ނުވަތަ މަސްތުވާތަކެތީގެ މައްސަލަކަމެއް ނުވަތަ މިދެމައްސަލަކަމަށްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަދި މިމީހާ ޙައްޔަރުކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކުދަނީ އެކަމާ ފާޑު ކިޔަމުންނެވެ. އެގޮތުން ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރާ ޢަލީ ރަމީޒުވަނީ ފުލުހުން އަނގަނަގައިގެން އެތިބެނީ ކޮންހިސާބަކުން ކޮން އޯޑަރެއް އަންނަންދެންތޯ ސުވާލު ކުރައްވާފައެވެ. އަދި ބަނގުރާ ބޮއިގެން ދީނަށް ފުރައްސާރަކޮށް، ރާއްޖޭގެ ޤާނޫނަށް އޭތި މީތި ގޮވާ އިރު މި އިންޑިއާ ޝައިޠާނުގައިގައި އަތްލުން މަނަލީތޯވެސް އަލީ ރަމީޒު ސުވާލު ކުރައްވާފައިވެއެވެ. އަދި މިމީހާއާ މެދު ކަންކުރި ގޮތް ކުށްވެރިކޮށް މަދަނީ 26 ޖަމިއްޔާގެ މައްޗަށް އެކުލެވިގެންވާ ރައްޔިތުންގެ އިއްތިޙާދުން ބަޔާނެއްވެސްވަނީ ނެރެފައެވެ.

ރައްޔިތުންގެ އިއްތިހާދުންނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ މަގެއް މަތީގައި މަސްތުވެގެން ހުރި ބޭރު މީހަކު، ޢާލަމްތަކުގެ ވެރި ހުސްޠާހިރުވަންތަ އިލާހަށް ފުރައްސާރައިގެ ކުފުރުގެ ބަސްތައް ރައްދުކޮށްފައިވާކަމީ އީމާންކަމުގެ ޒައްރެއްގެ މިންވަރު ހުރި އެއްވެސް މީހަކަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ