ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މިރޭގެ 20:00 އިން މާދަމާ ހެނދުނުގެ 08:00 އަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
"ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 13 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށެވެ.
"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެއަސަރު ކުރުން އެކަށީގެންވޭ. ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލު ވުމަށް ދަންނަވަން" މެޓް އޮފީހުން ވިދާޅުވިއެވެ.



