ރައީސް ޔާމީނަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ރިވިއު ކުރަން ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.
— ACC-MALDIVES (@ACC_Maldives) June 27, 2020
އޭސީސީ އިން މިރޭ ވިދާޅުވީ މި މައްސަލައަކީ، 11 މޭ 2011 ވަނަ ދުވަހު އޭސީސީ އަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ތަޙުޤީޤުކުރަން ފެށި މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށްގެންދެވޭވަރަށް މަޢުލޫމާތު ނެތްކަމަށް 2018 މޭ 8 ގައި ކަނޑައަޅައި، މައްސަލަ ފައިލްކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިމައްސަލަ އަލުން ކޮމިޝަނުގެ ފަރާތުން ރިވިއުކުރަން ނިންމާފައިވާކަން މަޢުލޫމާތައްޓަކައި ދަންނަވާ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.
އޭސީސީ އިން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2020 އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ވިލިމާލޭ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ފަދައިން، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުން ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ޙަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް 2013 ވަނަ އަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އޭސީސީ އާއި ޙަވާލުކޮށްފައިވާ ކަމަށާއި އެ ލިޔުންތައް މިހާރުވެސް ކޮމިޝަނުގައި ހުރިކަމަށެވެ.
އެގޮތުން ގްރާންޓްތޯޓަން އިންޓަނޭޝަނަލް (ތަހުޤީޤުކުރަން ހަވާލުކުރި އެކައުންޓިން ފާމް) އަށް 2012 ވަނަ އަހަރު 4.5 މިލިއަން ދިވެހި ރުފިޔާ ދައްކާފައިވާކަން އޮޑިޓު ރިޕޯޓުން އެނގެން އޮތް ކަން އުޝާމް ފާހަގަކުރެއްވިއެވެ. ނަމަވެސް މަޖިލިހުގެ އެމްޑީޕީ މެންބަރުން ތުހުމަތުކުރައްވާ ގޮތުގައި އެކުންފުނިން ތައްޔާރުކުރި ތަހުޤީޤު ރިޕޯޓު ބައްލަވައިގަތުމަށް 10 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 154 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ރައީސް ވަޙީދު ހޭދަކުރެއްވި ކަމަށެވެ. އެހެންކަމުން އުޝާމު ވިދާޅުވީ 10 މިލިއަން ޑޮލަރުގެ ޢަދަދަކީ ކޮންތާކުން އައިސްގެން އުޅޭ ޢަދަދެއްކަން އެނގިވަޑައިނުގަންނަވާ ކަމުގައެވެ.
އަދި އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ގްރާންޓްތޯޓަން އިންޓަނޭޝަނަލުން ދިވެހި ސަރުކާރަށް ފޮނުވާފައިވާ އިންވޮއިސްތަކަށް ދިވެހި ސަރުކާރުން ފައިސާ ނުދައްކާތީ އެއްބަސްވުން ނިމުމަކަށް ގެންނަން އެފަރާތުން ބޭނުންވާ ކަމުގައި އެފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް މަޖިލިހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގްރޭންޓް ތޯޓަނާ މަސައްކަތް ހަވާލުކުރީ ހިލޭ ސާބަހަށް އެމަސައްކަތް ކުރާ ގޮތަށެވެ.