އިންޑިއާގެ ދެކުނުގެ ޓަމަލް ނާޑޫ ސުޓޭޓުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދެބަފައިން މަރުވި މައްސަލަ އެގައުމުގައި ހޫނުވެއްޖެއެވެ.
މިގޮތުން މި މަރާއި ގުޅިގެން ޓަމަލް ނާޑޫ ސުޓޭޓުގެ ގާނޫނުހަދާ މަޖިލީހުގެ އިދިކޮޅު ފަރާތްތައް އިސްވެ މަގުތައްމަތީވަނީ މުޒާހަރާކުރަން ފަށައިފައެވެ. އަދި ވިޔަފާރިވެރިންގެ ޔޫނިއަން އިން ވަނީ ފުލުހުންގެ އަމަލު ކުށްވެރިކޮށްފަ އެވެ. އެ މައްސަލަ މިހާރު ވަނީ ޓަމިލް ނާޑޫގެ ކޯޓަކަށް ވެސް ހުށަހަޅައިފަ އެވެ.
ޓަމަލް ނާޑޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ދެބަފައިންނަކީ ޕީ. ޖެޔަރާޖް، 58، އާއި އޭނާގެ ފިރިހެން ދަރިފުޅު ފެނިކްސް، 38، އެވެ. މި ދެމީހުން ފުލުހުން ހައްޔަރު ކޮށްފައިވަނީ ހުއްދަ ނޫން ގަޑިއެއްގައި ފިހާރަ ހުޅުވައިގެން އުޅުމުންނެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި ޓަމިލް ނާޑޫ އަދިވެސްވަނީ ފުރަބަންދުގައެވެ. މި ފުރަބަންދާއި ގުޅިގެން ވިޔަފާރި ކުރުމާއި އަދި މިނޫންވެސް އިތުރު ކަންކަން ކުރުމަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފައި ވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދެބަފައިންގެ އާއިލާއިން ބުނެފައިވަނީ އެ ދެމީހުން މަރުވެފައިވަނީ ފުލުހުންގެ އަނިޔާތަކާއި ގުޅިގެން ކަމަށެވެ. އިންޑިއާގައި ފުލުހުން އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ބާރުގެ ބޭނުންކުރުމަކީ އާންމު ކަމެކެވެ.




