މިދިޔައަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް-19 މިއަދު މުޅި ދުނިޔެއަށް ފެތުރި މިބަލިން އަރައި ނުގަނެވި ބަޔެއް ގައުމުތަކުގެ ސިއްހީ ނިޒާމުވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. މިގޮތުން އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ސިއްހީ ނިޒާމުވެސްވަނީ މިފަދަ ބިރުވެރި ކަމަކަށް ހުށަހެޅިފައެވެ.
ނިއުދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވެފައިވަނީ، ކޮވިޑް-19 މިވަގުތު ފެތުރެމުންދާ ހަލުވިކަމާއެކު އެސިޓީގެ ސިއްހީ ނިޒާމަށްވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައި ކަމަށެވެ. މިގޮތުން ހޮސްޕިޓަލުތަކުގައި ބަލިމީހުންނަށް ހިދުމަތް ދިނުމަށް ބާއްވާނެ އެނދުތައް ފުރި މިބަލީގައި މީހުން މަރުވާ ނިސްބަތް އިތުރުވާން ފަށައިފައިވާ ކަމަށެވެ.
އިންޑިއާގައި މިވަގުތު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ސިޓީއަކީވެސް ނިއުދިއްލީއެވެ. މިގޮތުން މިބައްޔަށް ނިއުދިއްލީންވަނީ 73000 ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި ނިއުދިއްލީން 2500 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
މިހެންނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ އެހެން ބަޔެއް ގައުމުތަކާއި އަޅައިބަލާއިރު އިންޑިއާއިން މިބަލި ފެތުރުން ކޮންޓުރޯލް ކުރެވިފައިވާ މިންވަރު ރަނގަޅު ކަމަށެވެ. އަދި މިއީ އެގައުމުން ދުރާލާ އެޅި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާއިންވަނީ މާރޗުމަހު އެގައުމު ލޮކްޑައުންކޮށްފައެވެ.
މުޅި އިންޑިއާގެ ކޮވިޑް-19ގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު އެގައުމުން 529,274 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 310,068 އެވެ. އަދި މިބަލީގައި މަރުވި މީހުންގެ އަދަދަކީ 16,102 އެވެ.



