ހުޅުމާލޭ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކޮށް އެއަންހެންމީހާ ރޭޕްކުރި މީހުންގެ ވަނަވަރު ހާމަކުރުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި އިދިކޮޅުން ވިދާޅުވީ، ދާދި ފަހުން ދިވެހި ދެ ފިރިހެނަކު ވެގެން ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައިގައި، އެއަންހެން މީހާ ރޭޕް ކުރުމުގައި ބައިވެރިވި ފަރާތްތަކުގެ ވަނަވަރު ޢާންމުކޮށް ހާމަކުރުމަށާއި، އެ ފަރާތްތައް މިހާރުން މިހާރަށް ހައްޔަރުކޮށް ތަޙުޤީޤާއި ޝަރީޢަތް އަވަސްކުރުމަށްވެސް ގޮވާލާކަމަށެވެ.
އަދި މިމައްސަލައިގައި، ތަޙްޤީޤް އިދާރާ ތަކުން ކަންކޮށްފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރާކަމަށްވެސް އިދިކޮޅުންވަނީ ވިދާޅުވެފައެވެ.
އެގޮތުން މިމައްސަލައިގައި ހިމެނޭ ދެ ފިރިހެނުންގެ މައްސަލަ ނުބަލާ އޮއްބާލުމަށް މަސައްކަތް ކުރަމުން ގެންދަނީ ސިޔާސީ ގޮތުން ބާރުހުރި ފަރާތްތަކެއްގެ ނުފޫޒުންކަމުގެ މަޢުލޫމާތު މިކޯލިޝަނަށް ލިބިފައިވާކަމަށާއި، އެމައްސަލަ އޮއްބާލުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް އިދިކޮޅުގެ މިބަޔާނުގައި ވެއެވެ.
އަދި ރޭޕްގެ ޝިކާރައަކަށްވީ ބިދޭސީ އަންހެން މީހާއަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވުމާއި، އޭނާއަށް ދޭންޖެހޭ ފަރުވާގެ އިތުރުން އޭނާއަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކުން އަރައިގަތުމުގައިވެސް ސަރުކާރުގެ ފަރާތުން އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ދީފައި ނުވާތީ އެކަމާ ކޮންބޮޑުވުން އިތުރުވާކަމަށްވެސް ވިދާޅުވިއެވެ.
"ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ލިބެންޖެހޭ ކަމާއި، އަދި އެ ފަރާތްތަކުގެ މައްސަލަ ހުށަހެޅި ތަޙްޤީޤުކޮށް ޝަރީޢަތް ހިންގަމުން ދާ ދުވަސްވަރުވެސް މުޖުތަމަޢުއަށް ދޫވެފައި ތިބުމަކީ މުޖުތަމަޢުތެރޭގައި ހާއްސަކޮށް އެމީހުންގެ ފަރާތުން އަނިޔާ ލިބިފައިވާ ފަރާތްތައް އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅިގެންދާނެކަމެކެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން އިދިކޮޅުން ވިދާޅުވީ، މިފަދަ ލާއިންސާނީ، އަނިޔާވެރި ޢަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށްވެސް މުޖްތަމަޢުގެ ތެރެއަށް ދޫކުރެވިފައި ތިބެގެންވާނެ ބައެއް ނޫންކަމަށާއި، މިފަހަކަށް އައިސް ރާއްޖޭގައި ރޭޕްކުރުމާއި، ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ޢަމަލުތައް ގިނަވަނީ
އެފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި ދައުލަތުގެ މުއައްސަސާތަކުން ފަރުވާ ކުޑަކޮށް އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރާތީކަމަށް އެކޯލިޝަނުން ދެކޭކަމަށެވެ.



